މަސްވެރިކަމުގެ ސިނާޢަތުގައި މިހާރުހުރި ބޮޑެތި މައްސަލަތައް މިފެށޭއަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގދ. ފަރެސްމާތޮޑާގެ މަސްވެރިންނާ މިއަދު ބައްދަލުކުރައްވައި މަސްވެރިން ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއްސަވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިބައްދަލުވުމުގައި މަސްވެރިން ފާހަގަކުރި ދަތި ކަންކަމުގެ ތެރޭގައި، މަސްވެރިން ބާނާ މަސްކިރުވުމުގައި ހުރި ދަތިތަކާއި، މަސްވެރިން ކިރުވާމަހަށް ފައިސާ ލިބުންލަސްވުމާއި، އައިސްލިބުން ދަތިވުމާއި، ތެޔޮލިބުން ދަތިވުމުގެ މައްސަލަތައް ހިމެނެ އެވެ. މީގެ އިތުރުން މަސްވެރި އުޅަނދުފަހަރުގައި ސެޓަލައިޓް ފޯނު ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިންގެ މެދުގައި ފައިސާ ބެހުމުގައި، ބޭންކު ލިމިޓްގެ ސަބަބުން ދަތިތައް ކުރިމަތިވާކަމުގައި މަސްވެރިން ފާހަގަކުރި އެވެ.

ފަރެސްމާތޮޑާގެ މަސްވެރިންނާއި ރައީސް ސޯލިހު ބައްދަލުކުރެއްވުން

މަސްވެރިންގެ ވާހަކަތައް އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ބޮޑެތި މައްސަލަތަށް އަންނަ އަހަރުގެ މެދަކާއި ހަމައަށް ހައްލުވެގެންދާނެ ކަމަށެވެ. އަދި މިހާރުވެސް މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަމާއި، މަސްކުންފުނިތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ވިދާޅުވި އެވެ.

އަދި މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ، މަސްވެރި އުޅަނދު ފަހަރު ތަރައްގީވެގެން އައި މިންވަރަށް، ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް މަސައްކަތް ކުރެވިފައި ނެތުން ކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތުން ފާއިތުވި 10 ނުވަތަ 12 ވަރަކަށް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި އެމަސައްކަތްކުރެވިފައި ނެތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.