ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގު ރާޖުޕުތު މަރުވެފައި އޮއްވާ ފެނުނު އެޕާޓުމެންޓު ކުއްޔަށް ނަގާނެ ބަޔަކު ނުވާ ކަމަށް ބްރޯކަރުން ބުނެފި އެވެ.

އެކްޓަރު ސުޝާންތު މަރުވެފައި އޮއްވާ ފެނުނީ 2020 ވަނަ އަހަރުގެ ޖޫން މަހު އެވެ. ސުޝާންތު މަރުވި އެޕާޓްމަންޓަކީ މުމްބާއީގެ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމަށްވާ ހުޅަނގު ބަންޑްރާގެ މޮންޓް ބްލޭންކް އިމާރާތުގެ ހަ ވަނަ ބުރި އެވެ.

މޫދަށް ވާގޮތަށް ހުންނަލަގްޒަރީ ފެންވަރުގެ އެ އެޕާޓްމަންޓް މަހަކު 5 ލައްކަ ރުޕީސް އަށް ކުއްޔަށް ދޭން އިއުލާނުކޮށްފައިވީ ނަމަވެސް، އެ ތަން ކުއްޔަށް ދޫކުރަން މަސައްކަތްކުރަމުން އަންނަ ބްރޯކަރު ބުނިގޮތުގައި، އެކަން ކާމިޔާބެއް ނުވެ އެވެ.

އޭނާ ބުނީ އެޕާޓުމެންޓުގެ ވެރިފަރާތުން އެ ތަން ފިލްމީ ތަރިއަކަށް ދޭން ބޭނުންނުވާ ކަމަށެވެ. ކުއްޔަށް ނަގަން މީހުން ގުޅާ ކަމަށާއި ނަމެވެސް އެއީ ޝުޝާންތް ދަންޖެހިގެން މަރުވި އެޕާޓްމެންޓް ކަން އެގުމުން ތަން ބަލަން ވެސް ނާންނަ ކަމަށް އޭނާ ވަނީ ބުނެފައި އެވެ.

"މީހުން ބޭނުން ނުވަނީ މި ތަން ކުއްޔަށް ނަގަން. މިއީ ސުޝާންތު އުޅުނު އެޕާޓުމެންޓްކަމާއި އޭނާ މަރުވެފައި އޮއްވާ ފެނުނީ މި ތަނުން ކަން އެނގުނީމަ ތަން ބަލަން އަންނަން ވެސް މީހުން ބޭނުމެއް ނުވޭ،" ބްރޯކަރު ބުންޏެވެ.

އޭނާ ބުނީ މިހާރު ސުޝާންތުގެ މަރަށް ދެ އަހަރާއި ބައި ވެފައިވީ ނަމަވެސް، ބައެއް މީހުން އެ އެޕާޓްމެންޓް ނަގަން ފަސްޖެހެނީ އާއިލާ އާއި ރައްޓެހިން ހިތްހަމަނުޖެހޭތީ ކަމަށެވެ.

ސުޝާންތު އެ އެޕާޓްމެންޓްގައި އުޅެން ފެށީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. އެ ތަނުގައި އޭނާ މަރުވެފައި ވަނީ އަމިއްލައަށް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" އިން ލިބުނު މަޝްހޫރުކަމަށް ފަހު، ސުޝާންތު ބޮލީވުޑަށް ނުކުތީ 2013 ގެ ފިލްމު "ކައި ޕޯ ޗޭ" އިންނެވެ.

އެ ފިލްމަށް ފަހު އޭނާވެގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި ބޮޑު މަޝްހޫރުކަމެއް ހޯދި ވަރަށް ކާމިޔާބު އެކްޓަރަކަށެވެ.

ސުޝާންތަކީ ފިލްމީކަމަކާ އެއްވެސް ގުޅުމެއް ނެތި، އެ ދާއިރާއަށް ނުކުމެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދި މަދު އެކްޓަރުންގެ ތެރެއިން އެކެކެވެ.