ހދ. ނޮޅިވަރަމްގައި މިދިޔަ ހޮނިހިރު ދުވަހު މަރާލާފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް ފޮނުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ނިޝާމާގެ ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
އުމުރުން 28 އަހަރުގެ ނިޝާމާ މަރާލާފައި އޮއްވާ ފެނުނު އިރު ހަށިގަނޑުގެ ބޭރު ފުށުން މާބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށް އެރަށުން އަވަސް އަށް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ. ނަމަވެސް ނިޝާމާގެ ކަރުގައި އަނިޔާގެ ކޮންމެވެސް ނިޝާނެއް ހުރި ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
ނިޝާމާގެ މަރާއި ގުޅިގެން ފައިސަލް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހުއެވެ. ފައިސަލް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި ހުއްޓައެވެ. އޭނާ ކުޅުދުއްފުއްޓަށް ދިޔުމަށް ލޯންޗު ހަމަޖައްސާފައިވަނީ ޑޮކްޓަރަށް ދެއްކުމަށްކުރާ ދަތުރެއްކަމަށް ބުނެއެވެ.
އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން މިމައްސަލައިގެ ތަހުގީގް ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ ހުއްދަ ދީފަ އެވެ. މިމައްސަލާގައި ފުލުހުން އަދި ތަފްސީލެއް ހާމަ ކޮށްފައިނުވެ އެވެ. ފުލުހުން ވިދާޅުވެފައިވަނީ ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަމަށެވެ. ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާލާނެ ދުވަހެއް ފުލުހުން އަދި ހާމަކޮށްފައި ނުވެ އެވެ.