ދޯހާ (14 ޑިސެމްބަރު) – ޒުވާން ފޯވަޑް ހޫލިއަން އަލްވަރޭޒްގެ ދެ ލަނޑާއި ކެޕްޓަން ލިއޮނެލް މެސީ ޖެހި ލަނޑަކާއެކު، ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ ކްރޮއޭޝިއާ އަތުން 3-0 އިން މޮޅުވެ، އާޖެންޓީނާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

މެޗުގެ 34 ވަނަ މިނިޓުގައި ޕެނަލްޓީއަކުން އާޖެންޓީނާ އަށް ލީޑު ހޯދައިދިނީ މެސީ އެވެ. އާޖެންޓީނާ އަށް ޕެނަލްޓީއެއް ލިބުނީ އަލްވަރޭޒަށް ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް ކުރި ފައުލަކާ ގުޅިގެންނެވެ. ޕެނަލްޓީގައި ލިވަކޮވިޗް ރަނގަޅު ކޮޅަށް ޑައިވް އެޅި ނަމަވެސް، މެސީ ފޮނުވާލި ބާރު ޕެނަލްޓީ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މިއީ މެސީ ވޯލްޑް ކަޕްގައި ޖެހި 11 ވަނަ ލަނޑެވެ. އަދި މި ލަނޑާއެކު އެނާ ވަނީ އާޖެންޓީނާ އަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ އެ ގައުމުގެ ލެޖެންޑް ގެބްރިއެލް ބަޓިސްޓޫޓާގެ ރެކޯޑް މުގުރާލައިފަ އެވެ.

މެޗުގެ 39 ވަނަ މިނިޓުގައި އާޖެންޓީނާގެ ދެވަނަ ލަނޑު ޖެހީ މެންޗެސްޓާ ސިޓީ އަށް ކުޅޭ ފޯވަޑް އަލްވަރޭޒް އެވެ. ސެންޓަ ސާކަލް ކައިރިން މެސީ ބޮލުން ޖައްސާލި ބޯޅަ ހިފައިގެން ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، އަލްވަރޭޒް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. އަލްވަރޭޒް ހުއްޓުވުމަށް ކްރޮއޭޝިއާގެ ޖޮސިޕް ޖުރަނޮވިޗް އާއި ބޯނާ ސޯސާ މަސައްކަތްކުރި ނަމަވެސް، އަލްވަރޭޒްގެ ނަސީބު ރަނގަޅުކަމުން ޖުރަނޮވިޗް އާއި ސޯސާގެ ފައިގައި ޖެހިފައި ވެސް ބޯޅަ ލިބުނީ އޭނާއަށެވެ.

އާޖެންޓީނާގެ ތިން ވަނަ ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި އަލްވަރޭޒް ޖެހި ނަމަވެސް، މި ލަނޑުގައި ހުރިހާ ތައުރީފެއް ވެސް ހައްގުވަނީ މެސީއަށެވެ. މި ލަނޑު ޖެހުމުގެ ފުރުސަތު އަލްވަރޭޒަށް ތަނަވަސްކޮށްދިނުމުގައި، މެސީ ވަނީ އޭނާގެ ހުނަރާއި ފެންވަރު ވަރަށް ރަނގަޅަށް ދައްކާލައިފަ އެވެ. ކްރޮއޭޝިއާގެ ހާފުގެ މެދަކާ ހަމައިން، ބޭރު ރޮނގު ކައިރިން ބޯޅަ ކޮންޓުރޯލްކޮށްލުމަށް ފަހު، މެސީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ދިޔައީ ކްރޮއޭޝިއާގެ ޑިފެންޑަރު ޔޮސްކޯ ގްވަޑިއޯލް އޭނާ ކައިރީގައި ވިއްދާފައި ހުއްޓަ އެވެ. އެކަމަކު އޭރިޔާ ތެރެއިން ގްވަޑިއޯލް ކައިރިން ޖާގައެއް ހޯދުމަށް ފަހު، އޭނާ ވަނީ އޭރިޔާ ތެރޭގައި ހުރި އަލްވަރޭޒަށް ބޯޅަ ހުރަސްކޮށްލައިފަ އެވެ. އަލްވަރޭޒް އެއް ފަހަރުން ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލައި، އާޖެންޓީނާ އަށް ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްދިނެވެ.

މުބާރާތުގެ ގަދަ 16ގެ މެޗުގައި އަދި ކުއާޓާ ފައިނަލްގައި ފަހަތުން އަރައި ކްރޮއޭޝިއާ އިން ނަތީޖާ އެއްވަރުކުރި ނަމަވެސް، އާޖެންޓީނާ އިން މިރޭގެ މެޗުގައި ކްރޮއޭޝިއާ އަށް އެ ފުރުސަތެއް ނުދިނެވެ. އެންމެ ފަހުން 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިއާ އަށް އާޖެންޓީނާ ހާސްކޮށްލެވޭ ގޮތެއް ވެސް ނުވި އެވެ. އީވާން ޕެރިސިޗް ޖެހި ދެ ޝޮޓާއި، ޑިފެންޑަރު ޑެޖާން ލޮވްރެން އަށް ލިބުނު ދެ ފުރުސަތު ފިޔަވައި، ކްރޮއޭޝިއާ އަށް އާޖެންޓީނާގެ ގޯލަށް މާ ބޮޑު ނުރައްކަލެއް ދެވަނަ ހާފުގައި ނުކުރެވުނެވެ.

އާޖެންޓީނާގެ ކެޕްޓަން މެސީގެ ކެރިއަރުގައި މިއީ ވޯލްޑް ކަޕްގެ ފައިނަލް އިން ފުރުސަތު ލިބުނު ދެވަނަ ފަހަރެވެ. ވޯލްޑް ކަޕް 2014 ގެ ފައިނަލްގައި އާޖެންޓީނާ ވަނީ ޖަރުމަން އަތުން ބަލިވެފަ އެވެ. މިއީ ކެރިއަރު ނިންމާލުމުގެ ކުރިން، ވޯލްޑް ކަޕްގެ ތަށި ކާމިޔާބުކުރުމަށް މެސީ އަށް ލިބޭނެ ފަހު ފުރުސަތެވެ.

ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ ފްރާންސް އާއި މޮރޮކޯ މާދަމާ ރޭ ކުޅޭ ސެމީ ފައިނަލުން މޮޅުވާ ގައުމެކެވެ.