ޖަލުން ނިކުމެވަޑައިގަތުމުގެ ފުރުސަތު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވުމުން ބޭނުން ނުކުރެއްވި ކަމަށް ރައްޔިތުން މަޖިލިހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަކީ އެއްގޮތަކަށް ވެސް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

"ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަށް ރައްޔިތުން މިހާރު އިތުބާރުކުރާކަން އަޅުގަނޑުމެން އެބަދެކެމޭ އެބަ ގަބޫލުކުރަމޭ. ރައީސް ޔާމީނަށް ވެސް އެޕީލްކުރުމުގެ ހުރިހާ މަރުހަލާއެއް ހުރިހާ ފުރުސަތެއް ލިބޭނެ. އަޅުގަނޑު ނޭދެން ރާއްޖޭގެ ކުރީ ރައީސަކު އެންމެ މިނެޓެއްގައި ވެސް ޖަލުގައި އޮންނާކަށް. އެކަމަކު ރާއްޖޭގެ ގާނޫނުތައް، އާއްމު އުސޫލުތައް، ދިވެހިރާއްޖޭގެ ހަމަތައް އެބަ ދަމަހައްޓާންޖެހޭ އެބަ ހިފަހައްޓާންޖެހޭ. ދިވެހިރާއްޖޭގެ ވެރިންނަށް އަލުގަނޑަށް ވެސް އެބަ ސާފުވާންޖެހޭ ވެރިކަމަކީ ހިތަކަށް ލިބޭ އެއްޗެއް ނޫންކަން ވެރިންނަކީ މުހިއްމު ބައެއް ނޫންކަން. ދެން އަންނާން ތިބި ވެރިނަށް ވެސް ސާފުވާން އެބަޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ވެރިން ހައްޔަރުކުރާ ސަގާފަތް ދޫކޮށްލުމުގެ ސަގާފަތް ރައީސް ޔާމީނަށް ވެސް ލިބިވަޑައިގެންނެވި ކަމަށާއި އެމަނިކުފާނު ވަރަށް ހިތްވަރު ކޮށްފައި އެކަން ކުރައްވަމުން ގެންދެވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީން ވެސް އެކަން ކުރެއްވި ނަމަ މިއަދު ހަގީގަތް ވަރަށް ތަފާތުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ އަޅުގަނޑު އުފާ ފާޅުކުރަމުން ހަވާއަރުވަމުން ދުވާ ކަމެއް ނޫން. އަޅުގަނޑު ޖަލަށް ލާފައި ހަވާ އެރުވުމާއި ލަނގިރި ޖެހުމާމިފަދަ އެތައް ކަމެއް.. އެހެން ނަމަވެސް އަޅުގަނޑު ރައީސް ޔާމީން ޖަލަށްލީ ދުވަހު ވީދެރަ، އަޅުގަނޑު ރޮވުނު. އަޅުގަނޑު ބޭނުންވާ ގޮތެއް ނޫން އެއީ،" ނަޝީދު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ޔާމީނުގެ އަރިހަށް ޖަލަށް ވަޑައިގެން އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ހުށައަޅުއްވާފައިވެ އެވެ. އަދި އެކަމަށް ރައީސް ޔާމީންވަނީ އެކަމަށް އިންކާރުކުރައްވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ކޮންމެ ފަދަ ޙާލަތެއްގައި ވެސް ގައުމު ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފުގެ މަރުހަލާ ނިމި ހުކުމާ ހަމައަށް ގޮސްފައިވާއިރު ހުކުމެއް ނުކޮށް މިހާރު ތިން މަސް ދުވަހާ ވަނީ ގާތްވެފަ އެވެ. އަދި އެމަނިކުފާނުގެ މައްޗަށް ދައުލަތުން މިހާރު ވަނީ އިތުރު ދަޢުވާތަކެއް ވެސް އުފުލާފަ އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްދަނީ އިންސާފުވެރިކަމާއެކު ނޫން ކަމަށް އެމަނިކުފާނުގެ ވަކީލުން ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ. އަދި އިދިކޮޅުން ދަނީ ކެނޑިނޭޅި މިކަމާ އަޑުއުފުލަމުންނެވެ.