ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަންނަވާނީ އެންމެ ހައެއްކަ ވޯޓު ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން މަޖިލިސް އިންތިޚާބުގައި ލިބުނު ނަތީޖާއަށްވުރެ ބޮޑު ނަތީޖާއެއް ހޯދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެއިންތިޚާބުގައި ޕޮޕިއުލާ ވޯޓްގައި ލިބުނީ 48 ޕަސެންޓް ކަމަށާއި މިފަހަރުގެ އަމާޒަކީ 50ގެ ލައިން ކްރޮސް ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ވީހާވެސް އަވަހަކަށް އިންތިޚާބު ބާއްވަން ޖެހޭ ކަމަށެވެ. އަދި މާޗްމަހުގެ 6 ނުވަތަ 7 ހިސާބުގައި އިންތިޚާބު ބާއްވާނެ ކަމަށް އެމަނިކުފާނު ލަފާކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތައް ބަންދުކޮށްފައި އިންތިޚާބު ބޭއްވުމަކީ ވަރަށް ގޯސްކަމެއް. އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެ. އަދި އަޅުގަނޑު ނުދެކެން އެކަން އެހެން ކުރާ ކަމަކަށް ވެސް. ރައީސް ޔާމީން ހުންނެވީ ބަންދުގައި. ދެން މާލޭ މޭޔަރު ކަމަށް ކުރިމަތި ލައްވާ ބޭފުޅެއްގެ މައްސަލައެއް އެބަބެލޭ. އަޅުގަނޑު އުއްމީދު ކުރަން އެބޭފުޅާ އެމްއެމްޕީއާރްސީގެ މައްސަލައިގައި ވިޔަސް ވެސް އިންތިހާބުން ބަލިވަންދެން ބަހައްޓާނެ ކަމަށް. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވޭ 6 އެއްކަ ވޯޓާއެކީ ބަލިކޮށްލަން. އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދު ކުރަން އިންތިހާބުން ބަލިވަންދެން މުއިއްޒު ބަންދު ނުކޮށް ބަހައްޓާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗްކުރުމަށް މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވި ޖަލްސާގައި ވެސް ރައީސް ނަޝީދުވަނީ "ހޮޅި މުޢިއްޒު" އޭ ވިދާޅުވެ ވަރަށް ބޮޑަށް ހަޖޫ ޖައްސަވާފަ އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީ އަބަދުވެސް ތިބޭނީ ވާދަކޮށްލާނެ އިންތިޚާބެއް ނުލިބިގެންކަމަށާއި ޕޭރެންޓް ޓީޗާ އެސޯސިއޭޝަން އިންތިޚާބުގައި ވެސް ވާދަ ކުރަން ހުޅުވާލައިފިއްޔާ ވާދަކުރައްވާނެ ކަމަށެވެ.

ލޯކަލް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގެ ވާހަކަ މިއަދު ރައީސް ނަޝީދު ދައްކަވާފައިވާއިރު، މި ޕެންޑެމިކްގެ ތެރޭގައި އިދިކޮޅުން މާލޭ ބަންދުކޮށް ބައިތިއްބައިގެން ސަރުކާރުން ކެމްޕެއިން ކުރަމުންދާތީ އެކަމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުންދަނީ އަޑު އުފުލަމުންނެވެ. އެގޮތުން 1،200 އަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ޙައްޤު ގެއްލިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިފައިވާ ކަމަށް އިދިކޮޅުން ބުނެ އެވެ.