ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އެއްވެސް މުވައްޒަފަކަށް މުސާރަ ނުދީ ނޯންނާނެ ކަމަށް އެމަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފި އެވެ.

އެފްކޮންސްއިން މިހެން ބުނެފައިވަނީ އެކުންފުނީގެ މުވައްޒަފުން ތިބި އިމާރާތްތަކެއްގައި ރޯވެ، އެކަމުގެ ސަބަބުން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އިއްޔެ ގުޅީފަޅުގައި މުޒާހަރާކޮށްފައިވަނިކޮށެވެ.

އެފްކޮންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގުޅީފަޅުގައި އެ ކުންފުނީގެ މުވައްޒަފުން ބޭތިއްބުމަށް ބޭނުންކުރަމުން އައި އިމާރާތްތަކުގައި ރޯވެ އަލިފާނުން އަސަރުކުރި ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ ކަންކަން އެ ކުންފުނިން ފޯރުކޮށްދީ، އަންނައުނާއި މޯބައިލް ފޯނާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ބްރިޖްގެ މަސަކަތުގައި އުޅޭ މަސައްކަތްތެރިންނަށް މުސާރައަށް ދޭން ޖެހޭ އެއް ވެސް ފައިސާއެއް ނުދީ ނޯންނާނެ ކަމަށާއި ހުރިހާ އެންމެންގެ މުސާރަ ވެސް މުސާރަ ދޭންޖެހޭ ވަގުތުގައި ދީފައިވާ ކަމަށްވެސް އެކުންފުނިން ހާމަކުރެ އެވެ.

"އަޅުގަނޑުމެންގެ މުވައްޒަފުންނާއި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރި ކަމަކީ އަޅުގަނޑުމެންގެ އެންމެ އިސްކަމެއްދޭ ކަންކަން. އަދި ރައްކާތެރިކަމުގެ ގޮތުން އަޅުގަނޑުމެންގެ މުވައްޒަފުންނަށް ކުރިމަތިވާ ހުރިހާ ނުރައްކަލެއް ސީރިއަސްކޮށް ބަލައި ފުރިހަމައަށް ތަހުގީގުކުރާނެ،" އެފްކޮންސްގެ ބަޔާނުގައި ބުންޏެވެ.

ބުރާސްފަތި ދުވަހުގެ ރޭގަނޑު ވަގުތެއްގައި އެފްކޯންސްގެ މުވައްޒަފުންގެ ތެރެއިން 457 މުވައްޒަފަކު ތިބި އެކޮމަޑޭޝަން ބްލޮކްގައި އަލިފާނުގެ ހާދިސާއެއް ހިނގި އެވެ. އެ ހާދިސާގައި 78 މީހަކު ހޮސްޕިޓަލަށް ގެންދިޔައިރު އެއިން 32 މީހުން އެޑުމިޓުކުރި އެވެ. އެޑުމިޓުކުރި މީހުންގެ ތެރެއިން 4 މީހުން ފިޔަވައި އެންމެން ހޮސްޕިޓަލުން ދޫކޮށްފައިވާކަމަށް އެފްކޮންސްއިން ބުނެފައިވެ އެވެ.