ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދު ގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯސީވިލާ، އަބޫބަކުރު ފައިސަލް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އަބޫބަކުރު ފައިސަލް މިއަދު 08:28 ހާއިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފައިސަލް ނިޔާވީ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. އޭނާއަށް ފަރުވާދެން ފެށީ، ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުންނެވެ.

ފައިސަލް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއްވެސް ދީފަ އެވެ.

ނިޝާމާގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާއަށް މަރުގެ ތުހުމަތު ކުރެވެނީ އެހާދިސާ ހިނގާދިޔައިރު އެގޭގައި އޭނާ އެކަނި ހުރުމާއި، އަދި ނިޝާމާ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމުންނެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން ނިޝާމާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާ ވަކި ދުވަހެއް ފުލުހުން އަދި ހިއްސާކޮށްފައި ނުވެ އެވެ.