ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދު ގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯސީވިލާ، އަބޫބަކުރު ފައިސަލް ދަންޖެހިގެން މަރުވި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ފައިސަލް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ބަންދުގައި ހުއްޓައި އޭނާ ދަންޖެހެން މަސައްކަތް ކުރުމުންނެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު އަބޫބަކުރު ފައިސަލް މިއަދު 8:28 ހާއިރު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ފައިސަލް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއްވެސް ދީފަ އެވެ.

މިކަމާއި ގުޅިގެން ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފައިސަލް ދަންޖެހުނު މައްސަލަ އެ މިނިސްޓްރީން ތަހުގީގު ކުރަމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އިންސްޕެކްޓާ އޮފް ކަރެކްޝަންސް ކުޅުދުއްފުއްޓަށް ވަޑައިގެން ތަހުގީގު ކުރައްވާފައިވާ ކަމަށާއި، އެ ރިޕޯޓު މިނިސްޓަރު އިމްރާނަށް ހުށަހެޅުއްވުމުން މިނިސްޓަރު އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަދި ތަހުގީގު ނިމުމުން އެމައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ނިޝާމާގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާއަށް މަރުގެ ތުހުމަތު ކުރެވެނީ އެހާދިސާ ހިނގާދިޔައިރު އެގޭގައި އޭނާ އެކަނި ހުރުމާއި ނިޝާމާ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމުންނެވެ.