މިދިޔަ ހުކުރު ދުވަހު ސިނަމާލެ ބުރިޖު ހުރަސްކޮށް ހުޅުމާލެއަށް ދިޔަ ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ 54، (ޖަމްބޯ އިއްސޭ) އެކްސިޑެންޓްވި ސީސީޓީވީ ފޫޓޭޖް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ ޓްރެފިކް ލައިޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އަދި އެކްސިޑެންޓު ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ވަނީ މަރުވެފަ އެވެ.

ޖަމްބޯ ދަތުރުކުރި ސައިކަލު، ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގެ ވީޑިއޯ ފުޓޭޖު އާންމުވެފައިވާއިރު، އެ ފުޓޭޖުގައި ފެންނަނީ ރަތް ބޮކި ދިއްލިފައި ހުއްޓައި އިއްސެ ދުއްވާފައި ދިޔަ ތަނެވެ. އޭނާ ސައިލު ދުއްވާފައި ހަތަރު އަނގޮޅިއާ ހަމަވި ތަނުން އެއް ފަރާތުން އައި ކާރެއް ސައިކަލުގައި ޖެހެ އެވެ.

އެކްސިޑެންޓު ހިނގައިފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އެ ފޮޓޯތަކުން އިއްސޭއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާތަން ފެނެ އެވެ. އަދި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވީ އިއްސޭގެ ބޮލަށެވެ.

މި އެކްސިޑެންޓުގައި އިއްސެ ނިޔާވެފައިވާއިރު އެ ހާދިސާއަކީ މި ފަހުގެ ތާރީޚެއްގައި ބުރިޖާއި ބުރިޖާ ގުޅިފައިވާ ހައިވޭގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ.

ލީކުވެފައިވާ ފުޓޭޖުން ފެންނަ ގޮތުގައި އެ ވީޑިއޯއަކީ ހަލި މަގާއި ބުރިޖުގައި ހަރުކޮށްފައި ހުރި ކެމެރާތަކުގެ ތެރެއިން ކެމެރާއަކުން ނަގާފައިވާ ވީޑިއޯއެއް ސްކްރީނެއްގައި އެޅުވުމަށްފަހު ފޯނަކުން ރެކޯޑުކޮށްފަ އެވެ. ބްރިޖާއި ހައިވޭގައި ހުންނަނީ ފުލުހުންގެ ސީސީޓީވީ ކެމެރާތަކެވެ.

އެ ވީޑިއޯއަކީ ފުލުހުންގެ ސީސީޓީވީ ކެމެރާއަކުން ރެކޯޑުކުރެވިފައިވާ ވީޑިއޯއެއްކަމަށް ބެލެވޭތީ އެ ވީޑިއޯ ލީކުވި މައްސަލަ ފުލުހުން ބަލަމުންދޭތޯ ފުލުހުންގެ މީޑިއާ އޮފިޝަލުންނާ ސުވާލުކުރުމުން މިހާތަނަށް އެކަމާ ބެހޭ ގޮތުން އެއްވެސް ޖަވާބެއް ނުދެ އެވެ.

ބެންކޮކްގައި 22 އަހަރު ދިރިއުޅުމަށްފަހު މިދިޔަ މަހުގެ ކުރީކޮޅު އިއްސޭ ރާއްޖެ އައީ އާއިލާގެ މީހުންނާއި ބައެއް ރައްޓެހިންނާ ބައްދަލު ނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ބައްދަލު ކުރުމަށެވެ. އަދި ރާއްޖެ އައިސް ފުވައްމުލަކަށް ވެސް މިދިޔަ މަހު ދިޔަ އެވެ.