ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭގޮތަށް ވޭސްޓް މެނޭޖްމަންޓް ގާނޫނުގައި އޮތް މާއްދާ އިސްލާހުކުރަން ހުށަހަޅުއްވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

ޝައުނާ މިހެން ވިދާޅުވީ ކުނި މިނޭޖެ ކުރުމާ ބެހޭ ބިލުގައި އެ މާއްދާ އެގޮތަށް އޮއްވާ ތަސްދީގު ނުކުރައްވާނެ ކަމަށް ސަރުކާރުން ވިދާޅުވެ، ފަހުން އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފަިއވަނިކޮށެވެ.

އެ ގާނޫނު މަޖިލީހުން ފާސްކުރުމުގެ ކުރިން ގެނައި ބަދަލުތަކުގައިވަނީ އެ ގާނޫނުގެ ދަށުން ރާއްޖެއަށް ކުނި އެތެރެކުރެވިދާނެ ފަދަ މާއްދާއެއް އިތުރުކޮށްފަ އެވެ. އެކަމާ ގުޅިގެން ޝައުނާ ވިދާޅުވީ އެ ފަދަ އެއްވެސް ކަމެއް ކުރުމުގެ ވިސްނުން މިހާރު ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.އަދި އެ މާއްދާ އިސްލާހު ކުރަން ހުށައަޅުއްވާނެ ކަމަށެވެ.

މި ބިލު ތަސްދީގު ކުރުމާ ގުޅިގެން ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވްދަ ބީޗް އަދި ނޯ ޕްލާސްޓިކް މޯލްޑިވްސްގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭހެން 17 ޖަމިއްޔާއަކުން ވަނީ ނޫސްބަޔާނެއްވެސް ނެރެފަ އެވެ. މި ނޫސްބަޔާނުގައި ބުނެފައި ވަނީ ކުނި މެނޭޖްކުރުމުގެ ބިލު ހަ މަސް ދުވަހު މަޖިލީހުގައި އޮތް އިރު އެފަދަ ބޮޑު މައްސަލައަކާ ގުޅިގެން އެއްވެސް ވަރަކަށް އާންމުންގެ ހިޔާލު ހޯދާފައި ނުވާ ކަމަށެވެ.

ޖަމިއްޔާތަކުން ފާހަގަކުރި ގޮތުގައި އެ ބިލު ތަސްދީގުކޮށްފި ނަމަ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ "ކުނި ގޮނޑަކަށް" ރާއްޖެ ވެދާނެ އެވެ.

.