ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިކީ ކޯޝަލް އާއި ޓްރިޕްތީ ދިމްރީގެ ޖޯޑު އެކީގައި ފެނިގެންދާ ރޮމޭންޓިކް ކޮމެޑީ ފިލްމު އަންނަ އަހަރު ރިލީޒްކުރުމަށް ނިންމައިފި އެވެ.
މިފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުޝަރު ކަރަން ޖޯހަރާއި ލިއޯ މީޑިއާ ކަލެކްޓިވް އަދި ޕްރައިމް ވީޑިއޯއާ ގުޅިގެން ގެނެސްދިނުމަށް ނިންމާފައިވާ ފިލްމެކެވެ. އަދި ނަމެއް ހާމަކޮށްފައިނުވާ މިފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ.
އާނަންދު ތިވާރީ ޑައިރެކްޓްކުރި ފިލްމުގެ ޝޫޓިންތައް ވެސް މިހާރު ވަނީ ނިންމާލާފަ އެވެ.
"ގޯ ގޯއާ ގޯން" އާއި "ކައިޓްސް" އަދި "އައިޝާ" ފަދަ ފިލްމުތަކުން ފެނިފައިވާ އާނަންދު އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އޮކްޓޯބަރު މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން މަދޫރީ ޑިކްސިޓްގެ "މަޖާ މާ" އެވެ.
މި ރޮމޭންޓިކް ކޮމެޑީ ފިލްމުގައި ވިކީ އާއި ޓްރިޕްތީގެ އިތުރުން ޕަންޖާބީ އެކްޓަރު/ލަވަކިޔުންތެރިޔާ އައްމީ ވާކް ވެސް ފެނިގެންދާނެ އެވެ.
ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ވިކީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "ގޯވިންދާ ނާމް މޭރާ" އެވެ. ޓްރިޕްތީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 1 ގައި ނެޓްފްލިކްސް އަށް ގެނައި "ގަލާ" އެވެ.