އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އިންޑިއަން އައިޑޯލްގެ ޖަޖު، ނޭހާ ކައްކަރު އަލަތު ދަރިފުޅަށް ބަލިވެ އިންކަން ހާމަކޮށްފި އެވެ.

ނޭހާ މިކަން ހާމަކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމަގައި ކުރި ޕޯސްޓަކުންނެވެ. އެ ފޮޓޯގައި ނޭހާ އޭނާގެ ބަނޑުގައި އަތްލައިގެން ހުރި އިރު ފަހަތުން ފިރިމީހާ ރޯހަން ޕްރީތް އޭނާ ގައިގައި ބައްދާލައިގެން ހުރެ އެވެ.

މި ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި ނޭހާ ލިޔެފައިވަނީ "އަހަންނަށް އަޅާލަނީ" މިހެންނެވެ.

މި ފޮޓޯއަށް ކޮމެންޓް ކުރަމުން ރޯހަން ބުނެފައިވަނީ "މިހާރު ދެން މާ ބޮޑަށްވެސް އަޅާލަން ޖެހިއްޖެ" ކަމަށެވެ.

މީގެ އިތުރުން ނޭހާގެ ބޭބެ ޓޯނީ ކައްކަރު ވަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔާ އޭނާ ބޮޑުބޭބެއަކަށް ވާން އުޅޭކަމަށް ބުނެ ކޮމެންޓުކޮށްފަ އެވެ.

ނޭހާ އާއި ރޯހަން ޕްރީތް ކައިވެނިކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގަ އެވެ.

އެ ދެމިހުންގެ ކައިވެނީގެ ހަފްލާތައް ވަނީ ވަރަށް ކުލަ ގަދަކޮށް ފާހަގަކޮށްފަ އެވެ.