ކުނިމެނޭޖްކުރުމުގެ ގާނޫނު ގައިވާ ގޮތުގެ މަތިން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފި އެވެ.

ކުރިން މި ލިސްޓު ކަނޑައަޅާފައިވަނީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު"ގެ ދަށުންނެވެ. ނަމަވެސް ކުނިމެނޭޖުކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު މި ލިސްޓު، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެދަށުން ވަނީ އުނިކޮށްފަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ ގާނޫނުގެދަށަށް ބަދަލުކުރައްވާ، ރައީސޫލްޖުމްހޫރިއްޔާ ވަނީ ލިސްޓު އަލުން ކަނޑައަޅުއްވާފަ އެވެ.

ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުން ކަނޑައެޅޭ ބާވަތްތަކެއް ރާއްޖޭގައި އުފެއްދުމާއި ވިއްކުން މަނާކޮށް އެކަމުގެ ގަރާރު، ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ނެރުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން 13 ބާވަތެއް ހިމެނޭ ހެން ލިސްޓް ނެރުއްވިއިރު، އޭގެތެރެއިން ފުރަތަމަ މަރުހަލާގައި 8 ބާވަތެއް އުފެއްދުމާއި ވިއްކުން މަނާކުރި އެވެ.

މި ބަދަލަށް އަމަލުކުރަން ފެށީ މިއަހަރުގެ ޖޫން މަހު އެވެ.

މި ބާވަތްތައް ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށަށް ބަދަލުކޮށް 13 ބާވަތެއްގެ ލިސްޓާއެކު މި ގަރާރު ރައީސުލްޖުމްހޫރިއްޔާ މިވަނީ އަލުން ނެރުއްވާފަ އެވެ.

މީގެ ތެރޭގައި ޕްލާސްޓިކް ހޮޅިއާއި، ތަށި ސަމުސާފަދަ ބާވަތްތަކާއި، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި، އަދި ވަކި މިންގަނޑެއްގެ ޕްލާސްޓިކް ކޮތަޅާއި ވަކި ސައިޒެއްގެ ކުދި ޕްލާސްޓިކް ފުޅީފައި ބަންދުކޮށްފައި ހުންނަ ރީތިވާ ސާމާނު ހިމެނޭ ބާވަތްތައް އެތެރެކޮށް ވިއްކުން މަނާވާނެ އެވެ.