ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގި މައްސަލާގައި ތިން މީހަކަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މިމައްސަލާގައި އޭސީސީން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ހެލްތު މިނިސްޓްރީގެ ނައިބްގެ މަގާމުގައި ކުރިން ހުންނެވި ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުރި، ތ. ކިނބިދޫ ބޯގަންވިލާ، އަޙްމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުރި، ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.

އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނު 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މީގެ އިތުރުން މިމައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025 ރުފިޔާ ރުފިޔާ އަނބުރާ ހޯދުމަށް ވެސް ވަނީ އެދިފަ އެވެ.

ވެންޓިލޭޓަރު މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ވަނީ ދެ ފަހަރެއްގެ މަތީން ޕީޖީ އޮފީހުގައި އެދިފަ އެވެ. ނަމަވެސް އޭސީސީން ދައުވާ ކުރަން ފޮނުވިއިރު، ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ އެކަންކަން ފުރިހަމަ ކުރުމަށް ޕީޖީ އޮފީހުން ވަނީ އޭސީސީއަށް ފޮނުވާފަ އެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގަ އެވެ. އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މެއި 3، 2021 ގަ އެވެ.

ސަރުކާރުން ވަނީ ވެންޓިލޭޓަރު ގަތުމަށް އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ. އެކަމަކު އެ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ފޯރުކޮށްދީފައި ނުވެ އެވެ. އެކަމާ ގުޅިގެން މިއަހަރުގެ މެއި މަހު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކުރަން ނޯޓިސް ފޮނުވާފަ އެވެ.

ސަރުކާރުން އެ ކުންފުންޏާ ގަންނަން ހަވާލުކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. އެއިން އެއްވެސް ވެންޓިލޭޓަރެއް ބޭނުމެއް ނުކުރެވުނެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން އާބިޓްރޭޝަނަށް ދިއުމަށް މަސައްކަތްވެސް ވަނީ ފަށާފަ އެވެ.