ހުޅުމާލެ ފޭސް އެކެއްގެ އެކި ސަރަހައްދުގައި 491 ވީލްޗެއާ ރޭމްޕް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދައިފި އެވެ.

ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަޔަކު އާބާދުވަމުން އަންނައިރު، ހުޅުމާލޭގައި ދިރިއުޅެމުންދާ އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތައް ބަލާ ގިނަ ބަދަލުތަކެއް އެޗްޑީސީން އަންނަނީ ގެންނަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕްތައް ހެދުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ފޭސް 1 ގައި ވެސް ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުމަތީގައި ހިނގާބިގާވެ އުޅުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ފޭސް 1 ގެ އެކި ސަރަހައްދުތަކުގައި 491 ވީލްޗެއާ ރޭމްޕް ހަދާފައިވާ ކަމަށެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުގައި އެޗްޑީސީން ވީލްޗެއާ ރޭމްޕް ހެދުމުގެ މަސައްކަތްކުރަނީ. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެންމެ ގިނަ އަދަދަކަށް މީހުން ދިރިއުޅޭ ހިޔާ ފުލެޓުގައި ވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުން ގިނަކަން އެޗްޑީސީން ފާހަގަކުރެ އެވެ. އެހެންކަމުން ހުޅުމާލެ ފޭސް 2 ގެ ހިޔާ ފުލެޓުގައި ވީލްޗެއާ ރޭމްޕް ހެދުމުގެ މަސައްކަތް ވެސް އެޗްޑީސީން ވަނީ ކޮށްފަ އެވެ. އެގޮތުން ކޮންމެ ޓަވަރަކު، އެ ޓަވަރަކުން ބޭރަށް ނުކުތުމަށް ޚާއްސަކޮށް ރޭމްޕް ހަދާފައިވެ އެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕް ހެދުމުން ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީއާ ނުލައި ވެސް ބޭނުންވާ ކަންކަން އުނދަގުލެއްނެތި ކޮށްލެވޭނެ މަގު ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި މިކަމުގެ ސަބަބުން އެ ފަރާތްތަކަށްވެސް ލިބޭ ހިތްހަމަޖެހުން އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުގައި އެޗްޑީސީން ވީލްޗެއާ ރޭމްޕް ހެދުމުގެ މަސައްކަތްކުރަނީ. ފޮޓޯ: އެޗްޑީސީ

ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގު ކަށަވަރުކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ މުހިއްމުކަމެއްގެ ގޮތުގައި އެޗްޑީސީން ބުނެ އެވެ. އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި، ހިޔާ ފުލެޓުގެ ބީޗުގައި ވެސް ވީލްޗެއާ ރޭމްޕް ގާއިމުކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.