ކޮވިޑް ވެކްސިން ޖަހަން ފަށާނީ އެއްފަހަރާ މުޅި ރާއްޖޭގައި ކަމަށާއި ހަ މަސް ތެރޭގައި ވެކްސިން ޖަހާ ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު "ހުރިހާ"އަށް ވިދާޅުވީ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދާނީ ގައުމީ ލެވެލްގައި ހުރިހާ މުއައްސަސާއެއް ބައިވެރިކޮށްގެން ކަމަށެވެ.

"މި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދާނީ ކުރީގެ ވެކްސިންތައް ޖެހި ގޮތަކަށް ނޫން އެއްފަހަރާ މުޅި ރާއްޖޭގައި ފަށާނީ. އެކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ޑރ. ޝާހު ވިދާޅުވީ ވެކްސިން ރާއްޖެއަށް ގެނެސް ޖަހަން ފެށޭނެ ކަމަށް ލަފާކުރަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން އެންމެ އަވަހަށް ލިބޭ ވެކްސިނެއް ރާއްޖެ ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކި ވެކްސިނަކަށް މަޑުނުކުރާނެ. ސަރުކާރުން މަސައްކަތް މިކުރަނީ އެންމެ އަވަހަށް ލިބޭ ވެކްސިނެއް ހޯދަން،" ޑރ. ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީން ވެކްސިން ހޯދުމަށް މިމަހުގެ ހަތްވަނަ ދުވަހު އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ވެކްސިން އުފައްދާ ކުންފުނިތަކުން ގަންނަން ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ޝާހު ވިދާޅުވި އެވެ

"ބޮޑެތި ގައުމުތަކަށް ވެސް އަދި ދާން ފެށީ. ކޮވެކްސް ފެސިލިޓީއިން ވެސް ލިބޭ ވަރަކަށް ރިލީސްކުރާނެ. މިހާރު އޮތީ އާބާދީ 20 ޕަސެންޓަށް އެ ފެސިލިޓީގެ ތެރެއިން ހޯދާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ޑރ. ޝާހު ވިދާޅުވީ ރާއްޖެއަށް ފައިޒާ އާއި މޮޑާނާގެ އިތުރުން އަސްޓްރާޒެނެކާގެ ވެކްސިން ވެސް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކާއެކު އެގްރިމަންޓަކާ ހަމަޔަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.