އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ފްރާންސްގެ ޕީއެސްޖީގައި އިތުރަށް މަޑުކުރަން އެއްބަސްވެފައިވާ ކަމަށް ނޫސްތަކުން ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މެސީ ޕީއެސްޖީގައި އިތުރު އެއް އަހަރަށް މަޑުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އެ ޓީމުން މެސީއާއެކު ވަނީ މަޝްވަރާ ކޮށްފަ އެވެ.

މެސީ ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ.

އޭނާ އެ ކުލަބަށް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރު އެވެ. ޕީއެސްޖީން ބޭނުންވަނީ މެސީ އެ ކުލަބުގައި މަޑުކުރުމަށެވެ. އެހެންކަމުން މިއަހަރުގެ ވޯލްޑް ކަޕް މުބާރާތް ނިމުމާއެކު މެސީއާ އެ މަޝްވަރާތައް ކުރުމަށް ޕީއެސްޖީން އޮތީ ތައްޔާރަށެވެ.

މިއަހަރުގެ ވޯލްޑް ކަޕް މެސީ ވަނީ އާޖެންޓީނާއާއެކު އުފުލާލާފަ އެވެ. އެއާއެކު ޕީއެސްޖީގެ ރައީސް ވަނީ ގަތަރުގައި ފައިނަލް މެޗަށްފަހު މެސީއާ ބައްދަލު ވެސް ކޮށްފަ އެވެ.

މެސީގެ ކޮންޓްރެކްޓް އާ ނުކުރާނަމަ އަންނަ މަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި، މެސީ އަށް ބޭނުން ކްލަބަކާ އެކު ޕްރީ އެގްރީމަންޓެއްގައި ސޮއިކުރެވޭނެ އެވެ. އެއީ ޖުލައި އެއް ވަނަ ދުވަހު ރަސްމީކޮށް އެ ޓީމަކާ ކުޅޭ ގޮތަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީ އަށް މިހާރު ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާ ގުޅޭ ގޮތުން މެސީއާއެކު އަނގަ ބަހުން އެއްބަސްވުމަކަށް އާދެވިފަ އެވެ. ނަމަވެސް އެއްބަސްވުން އައު ކުރަނީ ކިހާ މުއްދަތަކަށް ކަމެއް އަދި މެސީގެ މުސާރައަށް އަންނާނެ ބަދަލެއް ނިންމާފައި ނުވާއިރު، އެ ނިންމުން ނިންމާނީ ވަރަށް އަވަހަށް ދެން އޮންނަ ބައްދަލުވުމެއްގައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޕީއެސްޖީން މިހާރު އަންނަނީ އެކަމާ ގުޅިގެން ކުރަން ޖެހޭ އެހެނިހެން ކަންކަން ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީން މެސީއާއެކު އަނގަ ބަހުން އެއްބަސްވުމަކަށް އައިސްފައިވާއިރު، އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އިން ވެސް މެސީ އަލުން ގެންނަން ބޭނުންވާ ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ. އަދި ބާސެލޯނާ އިން އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.