ތަރައްގީއާއި ކުރިއެރުން ގެންނަން ބޭނުންވާ ނަމަ، ގައުމުގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުން އެއްކޮށް ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގޮވާލައްވައިފި އެވެ.

ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ދާންދޫ ހިއްކި ބިމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ރައްޔިތުން ބަލައިގަނެ، ވެރިކަން ހަވާލުކުރީ އުއްމީދުތަކެއް އޮވެގެންކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީ ވެސް އެ އުއްމީދުތައް ހަގީގަތަކަށް ހައްދަވައިދެއްވަން ކަމަށެވެ. އަދި މިއަދު ސަރުކާރަށް 4 އަހަރު ވެފައިވާއިރު، ރައްޔިތުންގެ ބޭނުންވި އެތައް ބަދަލުތަކެއް ގެނެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

"ފުރަތަަމަ ކަމަކަށް އޭރު އޮތް ހަމަނުޖެހުން. ހަލަބޮލިކަން އިރާދަކުރެއްވިއްޔާ އޭރު އޮތްގޮތަށް މިހާރަކު ނެތް. ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައިވާ އެތައް ހައްގެއް އަނބުރާ ހޯދައިދެވިއްޖެ. ހިޔާލު ފާޅުކުރުމުގެ މިިނިވަންކަމަކަށް ހުރަހެއް ނެތް މިހާރަކު. ނޫސްތަކުގައި އެދަނީ އެބޭފުޅުން ބޭނުންފުޅުވާ ހިޔާލުތައް ފާޅުކުރަމުން. ހާމަކުރަމުން. ބޭނުން ވާހަކައެއް، ބޭނުން ގޮތަކަށް އެ ދައްކަނީ ހުރަހެއް ނާޅަން. އަޅުގަނޑުމެންނަށް އެކަންކަން ބަލައިގަނެވޭ،" ރައީސް ވިދާޅުވި އެވެ.

ގއ. ދާންދޫގައި އަލަށް ހިއްކި ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ރޭ ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން މިވީ 4 އަހަރު ތެރޭގައި ރައްޔިތުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކަރަންޓާއި ބޯފެނާއި ނަރުދަމާ ޤާއިމްކުރުމާއި، ލަފާފުރުމާއި، ތައުލީމާއި، ސިއްހީ ދާއިރާއިން ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން މި ސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ކޮންމެ ތަނެއްގައި އުޅޭ މީހަކަށްވެސް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ އިތުރު އަމާޒުތަކަށް ވެސް މިދައުރު ނިމޭއިރު ވާސިލުވެވޭނެ ކަމަށެވެ.

"މި ދައުރު ނިމޭއިރު ރާއްޖޭގައި ލަފާފުރުމުގެ ދަތިތަކަން އޮތް އެއްވެސް ރަށެއް ނޯންނާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.

ދާންދޫއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެ ރަށަށް ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް މިހާރުވެސް 12 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ. އެގޮތުން 185 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން ބިން ހިއްކުން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ބެންކެއްގެ ހިދުމަތް ރަށަށް މުހިއްމު ކަމަށާއި، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ދާންދޫގައި ބެންކެއްގެ ހިދުމަތް ދިނުމަށް އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ރަށުގައި ދޯނި އެހެލާ، ދޯނި މަރާމާތުކުރާނެ ތަނެއްވެސް ހެދިގެންދާނެ ކަމަށާއި ރަށުގެ ސިއްހީ ހިދުމަތް އިތުރަށް ތަރައްގީކުރުމާއި، އިންޖީނުގެ އެހެން ތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ގއ. ދާންދޫގައި އަލަށް ހިއްކި ބިން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ރޭ ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މަސްވެރިންގެ ކަންބޮޑުވުންތަކަށް ގިނަ ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން މަސްކިރުމަށް މިފްކޯއަށް ބޮޑެތި ބޯޓުތަކެއް ގެންނަން ނިންމާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ޖެނުއަރީ 1އިން ފެށިގެން ފެނަކައިން ކްރެޑިޓަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން އެސްޓީއޯއިން މަސްވެރިން ބޭނުންވާ ވަރަށް ތެޔޮ ފޯރުކޮށްދިނުމާއި، ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އަދިވެސް ބޭނުންވާ ކަންކަން ހުންނާނެކަމަށާއި، ގައުމު ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުން އެކުގައި ތިއްބަވާނަމަ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ.