ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ކެޓްރީނާ ކެއިފް އާއި އާލިއާ ބާޓް އަކީ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ދެ ތަރިންނެވެ.

ހަމައެހެންމެ ދެ ތަރިން ވެސް ވަނީ އެ ދެތަރިންގެ މޮޅު އެކްޓުންނާއި ހުނަރުން ގިނަ ބައެއްގެ ހިތްތައް ފަތަހަކޮށްފަ އެވެ.

ނަމަވެސް އެ ދެތަރިންނަކީ އެކަކު އަނެކަކަށް ނަފްރަތުކުރާ ދެތަރިން ކަމީ، މުޅި ބޮލީވުޑް އިންޑަސްޓްރީގައި ދެކެވޭ އެއް ވާހަކަ އެވެ. އެ ދެތަރިންގެ ކޯޅުން އެންމެ ފުރަތަމަ ފެށުނީ، ކެޓްރީނާ ލޯބީގެ ގޮތުން އޭރު ގުޅިގެން އުޅުނު ރަންބީރާ ވަކިވުމުންނެވެ.

ރަންބީރާއި ކެޓްރީނާ ލޯބީގެ ގޮތުން ވަކިވާން ޖެހުނީ އާލިއާގެ ސަބަބުން ކަމަށް ކެޓްރީނާ ގަބޫލުކުރި އެވެ.

އެގޮތުން ކެޓްރީނާއާ އެކުގައި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު ވެސް ރަންބީރާއި އާލިއާ ލޯބީގެ ގުޅުން އޮތް ކަމަށްވެ އެވެ. އަދި އޭގެ ސަބަބުން ކެޓްރީނާ އާއި ރަންބީރުގެ ގުޅުން ދުވަހެއް ދުވަހަަކަށް ހީނަރުވަމުން ގޮސް، އެކަކު އަނެކަކާ ވަކިވާން ނިންމީ ކަމަށް އެނގިފައިވެ އެވެ.

އޭގެ މަދު އަހަރުތަކެއް ފަހުން ކެޓްރީނާ ވަނީ ރަންބީރާ ވަކިވި ފަހުން އޭނާ ލޯބީގެ ގޮތުން ގުޅުނު ވިކީ ކޯޝަލްއާ ކައިވެނިކޮށްފަ އެވެ. އަދި ޖެހިގެން އައި އަހަރު ރަންބީރާއި އާލިއާ ކައިވެނިކޮށްފައިވާއިރު، އެ ދެމީހުން ވަނީ އަލަތު ދަރިފުޅަށް މަރުހަބާ ކިޔައިފަ އެވެ.