ކިންގް ސަލްމާން މިސްކިތުގެ އެއާ ކޮންޑިޝަންތަކަށް ދިމާވި މައްސަލަ ހައްލުކޮށްފި އެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މިސްކިތް، ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެ، ގިނަ ދުވަސްވުމުގެ ސަބަބުން އާއްމުންގެ ގިނަ ޝަކުވާކޮށްފައިވެ އެވެ.

މިސްކިތުގެ އޭސީތަކަށް މައްސަލަ ދިމާވުމުގެ ސަބަބުން އެކަން ރަނގަޅުކުރުމަށް އިސްލާމިކް މިނިސްޓްރީން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން މިސްކިތުގެ އޭސީތަކަށް ދިމާވެފައިވާ މައްސަލަ ދެނެގަނެ، ހައްލުކުރަން ތުރުކީގެ ޓެކްނީޝަން ޓީމެއް ވެސް ރާއްޖެ ގެނެސްފައިވެ އެވެ.

މިމަހުގެ ކުރީކޮޅު، މިނިސްޓްރީން ބުނީ މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން މިސްކިތުގެ އެސީތައް ރަނގަޅުކުރާނެ ކަމަށެވެ. އެގޮތުން މަސައްކަތް ބަޔަކާ ހަވާލުކޮށް، މިހާރު ވަނީ ސަލްމާން މިސްކިތުގެ އޭސީތައް ރަނގަޅުކޮށް މިސްކިތް ފިނިކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ މި މަސައްކަތް ލަސްވީ، އޭސީގެ މަރާމާތަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ބޭރުން ގެންނަންޖެހުމުގެ ސަބަބުން ކަމަށެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވައި، މިސްކިތުގައި ނަމާދުކުރަން ފަށާފައި ވަނީ މި އަހަރުގެ އޭޕްރިލް 1 ވަނަ ދުވަހު އެވެ.

ކިންގް ސަލްމާން މިސްކިތަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ އެހީގައި އަޅާފައިވާ މިސްކިތެކެވެ. ސަލްމާން މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ހިމެނޭހެން 4،000 މީހުންނަށް ނަމާދުކުރެވެ އެވެ.

މި މިސްކިތް ބިނާކޮށްފައި ވަނީ އިސްލާމީ މަރުކަޒެއްގެ ކޮންސެޕްޓަށެވެ. އެގޮތުން ތިންވަނަ ފަންގިފިލާގައި 40 މީހުންގެ ޖާގައިގެ 4 ކްލާސްރޫމާއި، 5 ސެމިނާ ރޫމް ހުރެ އެވެ. އަދި ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް ވެސް ހުރެ އެވެ.