ލަންޑަން (19 ޑިސެމްބަރު) - ކޮރޯނާ ވައިރަހުގެ ކޭސްތައް ކޮންޓްރޯލް ނުވެ، އިތުރުވާން ފެށުމާއެކު ލަންޑަން އަދި އިނގިރޭސި ވިލާތުގެ އިރުދެކުނުގެ ސަރަހައްދުތައް ލޮކްޑައުންކޮށްފި އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަން ވިދާޅުވީ ކޮރޯނާ ވައިރަހުގެ މުޅިން އާ ސްޓްރެއިނެއް ފެނިފައިވާ ކަމަށާ އަދި މިކަމުގެ ސަބަބުން ކޮވިޑް ރޯގާއަށް ފޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް އިއުލާންކޮށް މިއަދުން ފެށިގެން ޑިސެމްބަރު 30 އާ ހަމަޔަށް ލޮކްޑައުންކުރުމަށް ނިންމާފައިވާ ކަމަށް އިއުލާންކުރައްވައިފަ އެވެ.

ލޮކްޑައުންކުރީ ކްރިސްމަސް ފާހަގަކުރުމަށާއި ޗުއްޓީ ދުވަސްވަރު ކަމަށް ވުމުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ފަސް ދުވަހުގެ ލުޔެއް ދިނުމަށް މަޝްވަރާކުރުމަށް ނިންމާފައިވަނިކޮށެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން މިހާރު ވެސް ވަނީ ކެންޓް ކައުންޓީގައި ޓަޔާ ތިނެއް އިއުލާންކޮށް ލޮކްޑައުން ކޮށްފަ އެވެ. ޓަޔާ ތިނެއްއަކީ ލޮކްޑައުން ކުރެވޭނެ އެންމެ މައްޗެވެ. ނަމަވެސް އައު ސްޓްރެއިންއާ ގުޅިގެން ކޮވިޑް ކޭސްތައް މަދު ނުވާތީ ޓަޔާ ހަތަރު އިއުލާންކޮށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފަ އެވެ.

މި ގޮތުން ޓަޔާ ހަތަރެއްގެ ފިޔަވަޅުތަކުގެ ތެރޭގައި ކިޔެވުމަށް، ވަޒީފާއަށް ނުވަތަ ސިއްހީ ކަމަށް ނޫން ގޮތަކަށް ދަތުރުފަތުރު ނުކުރުމާއި، އާއިލާތަށް މަސްހުނިވެ ކްރިސްމަސް ފާހަގަ ނުކުރުން، ފިހާރަތަކާއި، ރެސްޓޯރަންޓް، ސިނަމާ އަދި އިންޑޯ ހޯލުތައް ބަންދުކުރުމާއި، ގެއިން ބޭރަށް ނުކުމެ އެންމެ ގިނަވެގެން ބައްދަލުކުރެވޭނީ އެންމެ މީހަކާއި ކަމާއި، ގައުމުން ބޭރަށް ދަތުރުކުރުން ކޮންމެހެން ދާންޖެހިގެން ނޫންގޮތަކަށް ނުދިއުން ހިމެނެ އެވެ. އަދި ޓަޔާ ހަތަރެއްގެ ލޮކްޑައުންގައި ސަރަހައްދުގެ މީހަކު އެނޫން ސަރަހައްދަކަށް ނުދިއުން ހިމެނެ އެވެ. ދެ ހަފްތާ ފަހުން ލޮކްޑައުންގެ ފިޔަވަޅުތަށް އިތުރަށް ކުރިޔަށް ގެންދިއުމާ މެދު ގޮތެއް ނިންމާނެ އެވެ.

ބޮޑުވަޒީރު ވިދާޅުވީ ވައިރަސްގެ ފެތުރުމަށް އިތުރު ފުރުސަތު ނުދިނުމަށް އެންމެން ވެސް މަސައްކަތް ކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި މިކަމަށް މަސަކަތް ނުކުރެވިއްޖެނަމަ ހޮސްޕިޓަލްތައް ފުރި އެތައް ހާސް މީހުންގެ ފުރާނަ ގެއްލިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާގައި ފާއިތުވެދިޔަ ހަފްތާގައި ކޮވިޑް ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އިނގިރޭސި ވިލާތުން އިއްޔެ ވަނީ 28،507 މީހުން ފޮޒިޓިވްވެފަ އެވެ. އެ ގައުމުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަ 1.98 އަށް ވަނީ އަރާފަ އެވެ. މި ރޯގާގައި އެގައުމުން ވަނީ 66،541 މީހުން މަރުވެފަ އެވެ. - ބްލޫމްބާގް