ނިއުޔޯކް (20 ޑިސެމްބަރު) - އެމެރިކާގެ ކެލިފޯނިއާގެ މުއްސަނދިން ކޮވިޑް ވެކްސިން އަވަހަށް ޖެހުމަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅާކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.

ކެލިފޯނިއާގެ ޑޮކްޓަރުންނާ ހަވާލާދީ ސީއެންއެން އިން ބުނިގޮތުގައި ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ ކޯލު ލިބޭ ކަމަށާއި، އޭގެ ތެރެއިން 10 ޕަސެންޓް މީހުންނަކީ އުސޫލުތަކާ ހިލާފަށް ވެކްސިން އަވަހަށް ޖެހުމަށް އެދޭ މީހުން ކަމަށެވެ. އަދި އެ މީހުން ހޮސްޕިޓަލަށް އެހީތެރިވުމަށް ބޮޑެތި އަދަދުތަކުން ސްޕޮންސާ ހުށަހަޅާމުން ދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކެލިފޯނިއާގެ ސީޑާސް ސަނައި މެޑިކަލް ސެންޓާގެ ޑޮކްޓަރު ޑރ. ޖެފް ޓޯލް ވިދާޅުވިގޮތުގައި ކޮވިޑް ވެކްސިން އުސޫލުތަކާ ހިލާފަށް އަވަހަށް ހޯދުމަށް ގުޅާ މީހުންގެ ތެރޭގައި ކުންފުނިތަކުގެ ޗީފް އެގްޒެކެޓިވް އޮފިސަރުންނާއި، މުނިފޫހިފިލުވުމުގެ ދާއިރާގެ މީހުން ވެސް ހިމެނެ އެވެ. އަދި އަވަހަށް ވެކްސިން ހޯދުމަށް ހޮސްޕިޓަލަށް 25،000 ޑޮލަރު ވެސް ބައެއް މީހުން ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވިގޮތުގައި އެ މީހުންނަކީ އަބަދުވެސް ފައިސާގެ ނުފޫޒުން އުސޫލުތަކުުގެ ބޭރުން ކަންކަން ކުރާ މީހުންނެވެ. އަދި އެ މީހުންނަކަށް ނުވާނެ ކަމެއް ނޯންނާނެ ކަމަށް އެ މީހުން ދެކެ އެވެ. އެ މީހުން އެ ގޮތަށް އެދެނީ މަދުބަޔަކު ނަމަވެސް ފައިސާ އަށް އެފަދަ ކަންކަން ކޮށްދޭތީ ކަމަށާއި މި ފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޖެފްއަށް ގުޅި އެންމެންނަށް ވެސް އުސޫލުތަކުގެ ތެރެއިން ވެކްސިން ލިބޭނެ ކަމަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި ވެކްސިން ދިނުމުގެ ހުއްދަ އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދިނުމާ ގުޅިގެން ހުރިހާ ސްޓޭޓްތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ކަންކަން އެމެރިކާގެ ޕޯސްޓަލް ސާވިސް ދޭ ކުންފުނިތަށް ކަމަށްވާ ފެޑް އެކްސް އަދި ޔޫފީއެސް މެދުވެރިކޮށް ވަނީ ފަށާފަ އެވެ.

އެމެރިކާގައި އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ދުވަސް ވީ މީހުންނާއި، އެ މީހުންގެ އެހީތެރިންނާއި، ސިއްހީ ހިދުމަތްތެރިންނާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ ޕޮލިހުންނާއި، ފަޔާ ފައިޓަރުންނާއި އަދި މި ފަަދަ އެހެނިހެން ފަރާތްތަކަށެވެ. އެމެރިކާގެ އާންމުންނަށް ވެކްސިން ލިބޭވަރުވާނީ އަންނަ އަހަރުގެ މާޗް މަސް ތެރޭގަ އެވެ.

ކެލިފޯނިއާގެ ގަވަރުނަރު ގަވިން ނިއުސަން ވިދާޅުވީ އޭނާގެ ސަރުކާރުން މުއްސަނދިންނާއި، އަދި ނުފޫޒު ގަދަ މީހުން އެދޭހާ ގޮތަކަށް ކަންކަން ނުކުރާނެ ކަމަށެވެ. އަދި ފައިސާ އާއި ނުފޫޒުން ނުވަތަ ރައްޓެއްސެއްގެ ބާރުގައި ވެކްސިން ލިބޭނެ ކަމަށް އުންމީދު ނުކުރުމަށާއި، މި ފަދަ ކަންކަން ހިނގާތޯ ވަރަށް ކައިރިން ބަލަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުސޫލުތަކުގެ ބޭރުން އެހެން ބަޔަކަށް ވެކްސިން ނުދޭނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.

ކްރިސްމަސް އާއި ދިމާކޮށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކެލިފޯނިއާގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ހުކުރު ދުވަހާ ހަމަޔަށް 16،000 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވަ ދެމުންދެ އެވެ. އަދި 250،000 އަށް ވުރެ ގިނަ ކޮވިޑް ކޭސް މިހަފްތާގައި ރިކޯޑްކުރެވިފައިވެ އެވެ. - އިންޑިޕެންޑެންޓް