ލެއަކީ މިޒަމާނުގެ ސިއްހީ ފަރުވާގައި ބަލި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ހޮސްޕިޓަލްތަކުގައި ކޮންމެހެން ހުންނަން ޖެހޭ އެއްޗެކެވެ. ބައެއް ކަހަލަ ފަރުވާތަކަށާއި އޮޕަރޭޝަންތަކުގައި ބަލި މީހުންގެ ގަޔަށް އެޅުމަށް ލޭ ބޭނުންވެ އެވެ. އެކަމަށްޓަކައި ލޭ ހަދިޔާކުރާ މީހުންނަކީ ވަރަށް މުހިންމު ބައެކެވެ. އެ މީހުންގެ ދީލަތި އެހީއާ ނުލައި ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަކީ ޑޮކްޓަރުންނަށް ކުރެވޭނޭ ކަމެއް ނޫނެވެ.

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މީހުންގެ ގަޔަށް ލޭ އެޅުމުގެ ޚިދުމަތް ދޭން ފެށީ މާލޭ ގަވަރުމަންޓް ހޮސްޕިޓަލުގަ އެވެ. އެއީ މިހާރު އޭޑީކޭ ހިންގާ އިމާރާތުގައި ހުރި ރާއްޖޭގެ ސަރުކާރުގެ މައި ހޮސްޕިޓަލެވެ.

ޒަމާންތަކެއް ވަންދެން އެއީ ސަރުކާރުން ހިންގަމުން ގެންދިޔަ ހަމަ އެކަނި ހޮސްޕިޓަލް ވެސް މެ އެވެ. އެއީ އިނގިރޭސި ސަރުކާރުން އަޅައިދިން ހޮސްޕިޓަލެކެވެ.

އައްޑު އަތޮޅު ގަން 100 އަހަރަށް މަހަކު 2،000 ޕައުންޑަށް ކުއްޔަށް ދޭން ކުރީގެ ބޮޑުވަޒީރު ނިންމެވި ނިންމެވުމާ ޚިޔާލު ތަފާތުވެ، ދިވެހި ސަރުކާރުގެ މަތީ ފަންތީގެ މެދުގައި ހިނގާދިޔަ ކޯޅުންތަކަކަށް ފަހު ވެލާނާގޭ އިބްރާހިމް ނާސިރު ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެން ގަމުގެ މައްސަލަ ހައްލު ކުރެއްވުމަށް ފަހު، އިނގިރޭސި ސަރުކާރުން ވެ ދެއްވި އެހީއެއްގެ ގޮތުގަ އެވެ.

ނާސިރުގެ ލީޑަޝިޕްގެ ދަށުން އިނގިރޭސިންނާއެކު އެއްބަސްވީ ކުރިން 100 އަހަރަށް ކުއްޔަށް ދޭން އޮތް ގަން ކުއްޔަށް ދިނުމުގެ މުއްދަތު ކުރުކޮށް މަހަކު 2،000 ޕައުންޑުގެ ބަދަލުގައި ރާއްޖޭގެ ތައުލީމާއި ސިއްހީ ދާއިރާއަށް ފަންނީ އެހީއާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ގަވަރުމަންޓް ހޮސްޕިޓަލަކީ އޭގެ ފުރަތަމަ ފިޔަވަޅެވެ.

ސަރުކާރުން ދިވެހި ރައްޔިތުންނަށް ދެމުން ގެންދިޔަ ސިއްހީ ޚިދުމަތް އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރުމަށް ކުރަމުން ދިޔަ މަސައްކަތުގެ ދަށުން ހޮސްޕިޓަލުގައި ބަލި މީހުންގެ ގަޔަށް ލޭ އެޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރެވުނެވެ. އެއީ 1967 ހާތަނުގަ އެވެ.

މ. ވާރޭ ވިލާ އަލީ ހުސެއިން (ނޮވެލްޓީ އަލީ ހުސެއިން) ލިޔުއްވި "ދުށްތަނާ އިވުނު އަޑުގެ ހަނދާން ހުރި ބައި" ގައިވާ ގޮތުގައި ދިވެއްސެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެންމެ ފުރަތަމަ ލޭ ހަދިޔާކޮށްދިން ދިވެއްސަކީ މަރުހޫމު ޒާހިރު ނަސީރެވެ. އެއީ 13 މާޗް 1967 ގައެވެ.

ހޮސްޕިޓަލުގައި ލޭނެގުމާއި ލޭ އެޅުމުގެ ވަސީލަތްތައް ހަމަޖެހިފައި ހުރި ކަމުގައި ވިޔަސް އޭރުގެ ދިވެހިންގެ ހޭލުންތެރިކަން ހުރި ގޮތުން ލޭ ހަދިޔާކުރުމަކީ ގިނަ ބަޔަކަށް ކުރަން ކެރުނު ކަމަކަށް ނުވި އެވެ.

"ދުށްތަނާ އިވުނު އަޑުގެ ހަނދާން ހުރި ބައި"ގެ 3 ވަނަ ފޮތުގައި މިވާހަކައަށް އިޝާރަތް ކުރައްވައި އަލީ ހުސޭން ވަނީ އޭނާގެ އަމިއްލަ ތަޖުރިބާ ލިޔުއްވައިފަ އެވެ.

އެއީ 1969 ވަނައަހަރުގެ ވަރަށް ކުރީކޮޅުގެ ދުވަހެއްގައި އޭނާގެ ވަޒީފާގެ ހައިސިއްޔަތުން އަދާކުރަން ޖެހުނު މަސްއޫލިއަޔަތެއްގެ ވާހަކަ އެވެ. އެމަނިކުފާނަކީ އޭރުގެ ރައީސް އޮފީހުގެ ދެވަނަ ސެކެރޓެރީ އެވެ. ރައީސަކީ ވެލާނާގޭ އިބުރާހިމް ނާސިރެވެ.

"ދެފަހަރު ރަނގަބީލު ޖައްސަވައި ލެއްވިއެވެ. ދިޔައިމާ އާދައިގެ މަތިން އަވަސް އަދި މުހިންމު މައްސަލައެއް އޮތޯ އައްސަވައި ލެއްވިއެވެ. އާދޭހޭ ދެންނެވީމާ ކުރިޔަށް ގެންދަން ވިދާޅުވިއެވެ." ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް ނާސިރުގެ އަރިއަހަށް އެދުވަހު މުހިންމު އަވަސް މައްސަލަ އެއްގެ ގޮތުގައި އަލީ ހުސޭން ހުށަހަޅުއްވައި ދެއްވީ އޭރުގެ ހެލްތު މިނިސްޓްރީން ފޮނުވާފައި އޮތް ސިޓީ އެކެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން މިނިސްޓަރު މޫމިނާ ހަލީމު ސޮއިކުރައްވާފައި ފޮނުއްވަވާފައި އޮތް އެސިޓީގައި އޮތް ކަމުގައި އަލީ ހުސޭން ލިޔުއްވާފައި ވަނީ އޭރު ހޮސްޕިޓަލުގައި ބަލި މީހުންގެ ގަޔަށް ލޭ އެޅޭނެ ގޮތް ހަމަޖެހިފައި ހުރި ކަމުގައި ވިޔަސް ލޭ ދޭން މީހުން ބިރު ގަންނާތީ އެޚިދުމަތް ނުދެވޭ ވާހަކަ އެވެ. އެ ސިޓީގައި އޮތީ ރައީސް ނާސިރުގެ ލަފާފުޅަކަށް އެދި ދަންނަވާފަ އެވެ.

އަލީ ހުސޭން އޭނާގެ ފޮތުގައި ލިޔުއްވާފައިވާ ގޮތުގައި ސިޓީ އަޑުއައްސަވާފައި "ހުނ ތިޔައީ އެއްވެސް ކަމެއް ނޫން" ކަމުގައި ނާސިރު ވިދާޅުވި އެވެ.

ދެން ވިދާޅުވީ ސަރުކާރުން ކާންދީ ބަލަހައްޓާ ބަޔަކު ތިބޭނެ ކަމުގަ އެވެ. ހަމަ ވަގުތުން މިނިސްޓްރީ އޮޕް ޕަބްލިކް ސޭފްޓީ އަށް ސިޓީ އެއް ލިޔުމަށް އަލީ ހުސޭނަށް އެންގެވި އެވެ.

އެ ސިޓީގައި ލިޔަން އެންގެވީ ސިފައިންގެ ހުރިހާ އެންމެން ހޮސްޕިޓަލަށް ފޮނުވައި، ލޭ ނަގައި ގްރޫޕް ވަކިކޮށް ރަޖިސްޓްރީ އެއް ހެދުމަށެވެ. އޭގެ ރަޖިސްޓަރީއެއް ހޮސްޕިޓަލާއި ސިފައިންގޭގައި ވެސް ބޭއްވުމަށެވެ. އަދި ހޮސްޕިޓަލުން އެންގި މީހަކު އޭނާ ކުރާން ހުރި ކަމެއް ހުއްޓުވާފައި، ބަލި މީހާއަށް ލޭ ދިނުމަށް ހޮސްޕިޓަލަށް އަވަހަށް ފޮނުވުމަށާއި ލޭ ދޭން ދެކޮޅު ހަދާ މީހަކު ސިފައިންގެ ތެރޭން ވަކި ކުރެވޭނެކަން ވެސް ހުރިހާ ސިފައިންނަށް އެންގުމަށެވެ. އަދި ހަމަ އެއާ އެކު ސިފައިންގެ ލޭގެ ގްރޫޕްގެ ރަޖިސްޓަރީ ހަފުތާއެއްގެ ތެރޭގައި ރައީސް އޮފީހަށް ފޮނުވަން ވެސް އެންގުމަށް އެސިޓީގައި ލިޔުމަށް ވެސް އެންގެވި އެވެ.

އަލީ ހުސެއިން ލިޔުއްވާފައިވާ ގޮތުގައި ކަނަތައް އެގޮތަށް ހަމަ ޖެއްސެވިކަން އަންގައި ހެލްތު މިނިސްޓްރީއަށް ވެސް ސިޓީއެއް ލިޔަން އެންގެވި އެވެ.

ލޭ ދޭން ބިރުން ސިފައިންގެއިން ކޮންމެ ވެސް މިންވަރަކަށް މީހުން ވަކިވި ކަމުގައި ވިޔަސް، ލޭ އެޅުމުގެ ޚިދުމަތަށް ބޭނުންވާ ވަސީލަތްތައް ހޮސްޕިޓަލުގައި ގާއިމުވެ ހުރެ، ބަލި މީހުންގެ ގަޔަށް އަޅާނެ ލޭ ނުލިބިގެން އުޅުނު މައްސަލަ އެ ހިސާބުން ހައްލުވި އެވެ.

"އޭރު އެއީ އެހެން ދުވަހެކެވެ…… މިހާރު މިއީ އަދި މުޅިން އެހެން ދުވަހެކެވެ. އޭރަށް އެގޮތް ރަނގަޅެވެ. މިހާރަށް…… ބުނަންވީ ދެން ކީކޭ ބާވައެވެ؟ އަލީ ހުސޭން ވާހަކަ ނިންމަވާލައްވަމުން ލިޔުއްވާފައިވެ އެވެ.