އިންޑިއާގެ ޓީވީ ޝޯ "އަލީ ބާބާ ދާސްތާން އޭ ކާބުލް" ގެ ސެޓުގައި ބަތަލާ ތުނީޝާ ޝަރުމާ ދަންޖެހިގެން މަރުވި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އޭނާގެ ލޯބިވެރިޔާ އެކްޓަރު ޝީޒަން ޚާންގެ ބަންދަށް 14 ދުވަސް ޖަހައިފި އެވެ.
ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް އެކްޓު ކޮށްފައިވާ ތަރި އަދި ބައެއް ޑްރާމާ ސީރީޒްތަކުން ވެސް ފެންނަ ތޫނީޝާ މަރުވެފައި ހުއްޓާ ފެނުނީ ޑިސެންބަރު 24 ވަނަ ދުވަހުގެ ރޭ ފިލްމެއް ކުޅުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. އަދި އޭނާ ދަންޖެހިގެން މަރުވެފައި ހުރީ އޭނާގެ ކުރީގެ ލޯބިވެރިއާ ޝީޒަން އަށް ހާއްސަކޮށްފައި ހުރި ކޮޓަރީގެ ފާހާނަ ތެރޭގައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ތުނީޝާ ކުޅުނު ފިލްމުގެ ބަތޮލު ރޯލު ކުޅެނީ ވެސް ޝީޒަން އެވެ. އެ ދެމީހުން ރުޅިވިތާ އަދި ވާނީ 15 ވަރަކަށް ދުވަސް ކަމަށް އާއިލާއިން ބުނެ އެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ ޝީޒަންގެ ބަންދަށް 14 ދުވަސް ކޯޓުން ދީފައިވާއިރު އޭނާ ވަނީ ބޯކޮށުމަށް ވެސް ދެކޮޅު ހަދާފަ އެވެ.
މަހާރާޝްތުރާގެ ޕަލްގަރު ޑިސްޓްރިކްޓްގެ ކޯޓަކުން ޝީޒަންގެ ބަންދުގެ މުއްދަތު އިތުރުކުރީ އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުންނެވެ.
މީގެ އިތުރުން ޝީޒާންގެ ފަރާތުން ވަނީ ޝަރުއީ ބަންދުގައި ހުންނަވައިގެން ވަކީލުން މެދުވެރިކޮށް ބައެއް ޝަރުތުތައް ކަނޑައަޅާފަ އެވެ. އޭނާ ވަނީ ގޭގައި ކައްކާ ކެއުމަށް އެދިފަ އެވެ. އަދި ބަންދުގައި ހުންނައިރު އިސްތަށިގަނޑު ކުރުކޮށް ނުކޮށޭނެ ކަމަށް ވެސް ބުނެފަ އެވެ. އަދި ޝީޒަން އާއި އާއިލާގެ މެންބަރުންނާ ބައްދަލުކުރުމުގެ ހުއްދައަކަށް ވެސް ކޯޓުގައި ވަނީ އެދިފަ އެވެ.
ޓީވީ ސިލްސިލާތަކުގެ އިތުރުން ތުނީޝާ އަކީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އެގޮތުން ކެޓްރީނާ ކައިފްގެ 2016 ގެ "ފިތޫރު" އާއި އެ އަހަރުގެ "ބާރު ބާރު ދޭކޯ" ގައި ކެޓްރީނާގެ ފުރާވަރުގެ ރޯލު ތުނީޝާ ކުޅެފައިވެ އެވެ. އަދި ސަލްމާން ޚާންގެ 2019 ގެ "ދަބަންގް 3" އާއި ވިދިޔާ ބާލަންގެ 2016 ގެ "ކަހާނީ" އިން ވެސް ތުނީޝާ ފެނިފައިެވ އެވެ.