ބްރެޒީލިއާ (ޖެނުއަރީ 1) - ކޮރަޕްޝަނުގެ ކުށުގައި ޖަލުގައި އެތައް ދުވަހެއް ހޭދަކުރެއްވުމަށް ފަހު، ހުކުމް ބާތިލްކުރުމުން އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބު ހޯއްދެވި ބްރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަ ސިލްވާ އެ ގައުމުގެ ރައީސްކަމާ އިއްޔެ އަލުން ހަވާލުވެވަޑައިގެންފި އެވެ.

ކަނާތު ފިޔައިގެ ވޯކާސް ޕާޓީގެ ތަޖްރިބާކާރު ލީޑަރު ވަނީ ބްރެޒިލްގެ ރައީސްކަން 2003-2010 އަށް ކުރައްވައިފަ އެވެ. އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުން ލޫލާ ކާމިޔާބު ހޯއްދެވީ ރައީސްކަމުގެ މަގާމުގައި ހުންނެވި ޖައިރް ބޮލްސޮނަރޯގެ މައްޗަށް 50.9 ޕަސެންޓުން ކާމިޔާބު ހޯއްދަވައިގެންނެވެ. ރައީސްކަމުގެ ހުވާ ލޫލާ އިއްޔެ ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެން ބޮލްސޮނަރޯ އިއްޔެ ވަނީ އެމެރިކާ އަށް ފުރާވަޑައިގެންފަ އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އުމުރުން 77 އަހަރުގެ ލޫލާ ވިދާޅުވެފައި ވަނީ އެންމެ އިސްކަން ދެއްވާނީ ބައިބައިވެފައިވާ ގައުމު އެކަތިގަނޑަކށް ހެއްދެވުމަށް ކަމަށެވެ. އަދި މީގެ ފަހުން ދެ ބްރެޒިލެއް ނޯންނާނެ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ. ލޫލާގެ ތަގްރީރުގެ ބޮޑު ބައެއް ބިނާކުރެއްވީ ގައުމު އަލުން އާރާސްތުކުރެއްވުމަށާއި ރައްޔިތުންގެ އެއްބައިވަންތަކަމުގެ މައްޗަށެވެ. ތަގްރީރު ދެއްވި އިރު ބައެއް ވަގުތުތަކުގައި ލޫލާގެ ލޮލުން ވަނީ ކަރުނަ ފައިބައިފަ އެވެ.

ބްރެޒިލްގެ ރައީސް ކަމަށް ވަޑައިގެންނެވި ލޫލާ

ހުވާކުރުމުގެ ރަސްމިއްޔާތަށް ލޫލާ އާއި ނައިބް ރައީސް ޖެރާލްޑޯ އަލްކްމިން ވަޑައިގެންނެވީ މަތި ހުޅުވޭ ގޮތަށް ހަދާފައިވާ ކާރެއްގަ އެވެ. އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ ލޫލާ އަށް މަރުހަބާ ކިޔައިފަ އެވެ.

ލޫލާ ޑަ ސިލްވާ

  • އުމުރު: 77 އަހަރު
  • ލެފްޓް ވިންގް ވޯކާސް ޕާޓީ
  • ކުރިން ދަގަނޑުގެ މަސައްކަތް ކުރެއްވި ބޭފުޅެއް
  • ރައީސްކަން ކުރެއްވީ 2003 -2010 އަށް
  • ޖަލަށްލީ 2018 ވަނަ އަހަރު
  • ޖަލުގައި 580 ދުވަސް ހޭދަކުރެއްވި
  • ހުކުމް ބާތިލްކުރީ 2021 ވަނަ އަހަރު

ގާތްގަނޑަކަށް 20 އަހަރަށް ފަހު ލޫލާ ވެރިކަމަށް ވަޑައިގެންނެވި އިރު އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުކޮށް ޖަލުގައި ވަނީ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ލޫލާގެ މައްޗަށް ސާބިތުކޮށްފައި ވަނީ ސަރުކާރުގެ ތެޔޮ ކުންފުނި ކަމަށްވާ ޕެޓްރޯބްރާސްގެ ޕްރޮޖެކްޓެއް ދީގެން ކޮންސްޓްރަކްޝަން ކުންފުންޏަކުން ރިޝްވަތު ނެންގެވި މައްސަލަ އެވެ. އެ ކުށުގައި ލޫލާ ވަނީ 580 ދުވަސް ޖަލުގައި ހޭދަކުރައްވައިފަ އެވެ. ޖަލުގައި ހޭދަކުރައްވަން ޖެހުމުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ލޫލާ ވަނީ ޑިސްކޮލިފައި ކޮށްފަ އެވެ. ނަމަވެސް 2021 ވަނަ އަހަރު ވަނީ ލޫލާގެ ހުކުމް ބާތިލްކޮށް މިނިވަންކޮށްފަ އެވެ.