ގއ. ދެއްވަދޫން މަހަށް ނުކުތް ދޯންޏަކުން އެންދަމަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.

އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނިފައި ވަނީ އެ ރަށު ރަޝީދުބެ، 56، އެވެ.

ރޭ މަހަށް ގޮސް އެންނުދެމުމާ ގުޅިގެން ރަށަށް އަނބުރާ އަންނަމުން ހެނދުނު ހައެއް ޖަހާކަންހާއިރު، އޭނާގެ އަންހެނުންނަށް ގުޅި ކަމަށާއި، އެހެންނަމަވެސް ހަތެއް ޖެހި އިރު އެއްވެސް ގޮތަކަށް ހަބަރެއް ވެފައި ނުވާ ކަމަށް އާއިލާއިން "ހުރިހާ" އަށް ކިޔައިދިނެވެ.

""އެއީ ރަޝީދުބެ. ދޯނިން އެން ނުލިބިގެން ރަށަށް އަންނަނިކޮށް، މޫދަށް ވެއްޓުނީހެން ހީވަނީ. ނެގިއިރު އޮތީ މަރުވެފައި،" އޭނާގެ އާއިލާ މީހަކު ބުންޏެވެ.

އާއިލާއިން އިތުރަށް ބުނިގޮތުގައި މިއަދުގެ ވަގުތެއްގައި ރަޝީދުގެ ހަށިގަނޑު މައްޗަށް އަރާފައި އޮއްވައި ކޯސްޓްގާޑުން ވަނީ ނަގާފަ އެވެ.

ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ ދެއްވަދޫ އާ މޭލެއްހާ ހިސާބު ބޭރުން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ނަގައިގެން ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.