އިންޑިއާގެ ރީހެބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަމުންދަނިކޮށް ގެއްލުނު އަބްދުﷲ އަލީމް އަދިވެސް ނުފެންނަކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުފުއްޓަށް ނިސްބަތްވާ 37 އަހަރުގެ މީހެކެވެ. އަދި އޭނާ ދިޔައީ އިންޑިއާގެ ބެންގަލޫރުގެ ރީހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުންނެވެ. އޭނާ އެ ސެންޓަރުގައި ފަރުވާ ހޯދާާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެނގިފައިވާގޮތުގައި މިދިޔަ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އަލީމް ގެއްލިގެން ހޯދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އަލީމްގެ އާއިލާއިން ބުނީ، ރީހެބްގައި ފަރުވާހޯދާއިރު، ސެންޓަރުން ބޭރަށް ނުކުމެ ހިނގާ ހެދުމުގެ ހުއްދަ އޮންނަ ކަމަށެވެ. އަދި އެ ހުއްދައިގެ ދަށުން އަލީމް ވެސް ބޭރަށް ނުކުމެ އުޅޭކަމަށް އާއިލާއިން މީގެކުރިން ބުނެފައިވެ އެވެ.

އެހެން ނަމަވެސް 8 ވަނަ ދުވަހު އަލީމް ބޭރަށް ނުކުތް ގޮތަށް ހަބަރެއްވެފައި ނުވާކަމަށް އާއިލާއިން ބުނެފައިވެ އެވެ.

އަލީމް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ކުރިއަށް ގެންދާކަން ފާހަގަކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ، މިކަމާ ގުޅޭ މައުލޫމާތުތައް ކަމާ ގުޅޭ އިދާރާތަކާއި ހިއްސާކޮށްގެން ބަލަމުން ގެންދާކަމަށެވެ.

އަލީމްގެ ހަބަރެއް ނުވުމާ ގުޅިގެން އާއިލާއިން ވަނީ އެކަން ރީހެބިލިޓޭޝަން ސެންޓަރަށް ރިޕޯޓްކޮށްފަ އެެވެ. އަދި ރިޕޯޓުކުރުމާ ގުޅިގެން ބެންގަލޫރުގެ ޕޮލިހުންނާއި ރިހެބިލިޓޭޝަން ސެންޓަރުންވެސް އާލިމް ހޯދުމުގެ މަސައްކަތް ކޮށްފައިވެ އެވެ.