އިޒްރޭލުގެ ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު، އިތަމާރު ބެންގަވީރު ބައިނަލްއަގުވާމީ އެއްބަސްވުުންތަކާއި ގާނޫނުތަކާ ހިލާފަށް އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަން މައްސަލަ ކުށްވެރިކޮށް، ދިވެހި ސަރުކާރުން ބަޔާނެއް ނެރެފި އެވެ.

އިތަމާރުގެ އަމަލުތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާންގައި ބުނެފައިވަނީ މިކަމަކީ ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި ގާނޫނުތަކާއި އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިތަމާރުގެ އަމަލުތަކުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވެގެން ހިނގައިދާނެ ކަމަށެވެ. "އެކަން ކުށްވެރިކޮށް އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އދ ގައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން ދަނީ ބައިވެރިވަމުންނެވެ." ބަޔާނުގައިވެ އެވެ.

އިތަމާރުގެ އަމަލުތައް ކުށްވެރިކުރުމުގެ މައްސަލައެއް އޯއައިސީ އިންނާއި އދގެ ސަލާމަތީ މަޖިލީހުގެ ބައެއް މެންބަރުން އިސްނަގައިގެން މިމަހުގެ ފަސްވަނަ ދުވަހު ހުށަހެޅުމުން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްވެސް ވަނީ ބާއްވާފަ އެވެ.

މީގެ އިތުރުން މިމަހުގެ 18 ވަނަ ދުވަހު މެދިއިރުމަތީގެ ހާލަތާ ގުޅޭގޮތުން އދ. ސަލާމަތީ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމަށްވެސް މިހާރު ވަނީ ނިންމާފަ އެވެ. މިބަހުސްގައި ރާއްޖެ އިން ބައިވެރިވެ އިޒުރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރުގެ އަމަލުތައް ކުށްވެރިކުރާނެ ކަމަށްވެސް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.