ޒަމާނުއްސުރެ ރާއްޖޭގެ އެކި ރަށްތަކުގެ ގޮނޑުދޮށްތަކުގައި ރެދަންލަ އެވެ. މި ދުވަސްވަރަކީ އާންމުކޮށް ރާއްޖޭގެ އެކި ރަށްތަކުގެ ގޮނޑުދޮށްތަކުގައި ރެދަންލާ ދުވަސްވަރެވެ.

މިހާރު ހުޅުމާލޭގެ އަތިރިމަތީގައި އަދި ރާއްޖޭގައި ރެދަނަށް އެންމެ މަޝްހޫރު ރަށްކަމަށްވާ ރ. ވާދޫގެ ގޮނޑުދޮށްތައް ވެސް ވަނީ ރެދަނުގެ ނޫކުލައިން ދިއްލާލާފަ އެވެ. މީގެ އިތުރުން ކ. މާފުށީގެ އަތިރިމަތީގައި ވެސް ވަނީ ރެދަން ލާފަ އެވެ.

ހުޅުމާލޭގެ ގޮނޑުދޮށުގައި ރެދަންލާފައިވާ މަންޒަރު ބަލަން މިދެ ރޭ ވެސް ގިނަ ބަޔަކު ވަނީ އެއްވެފަ އެވެ. ބައެއް މީހުންނަށް މިއީ އާ މަންޒަރަކަށް ނުވި ނަމަވެސް ގިނައީ އަލަށް ރެދަން ތަޖުރިބާ ކުރި މީހުންނެވެ.

"އަހަރެމެންނަށް މީގެ ކުރިން މާލެ ކައިރިން ފެނުނު މަންޒަރެއް ނޫން. އެހެންވެ ވަރަށް ބަލާހިތްވާތީ އައީ،" މާލޭގައި ދިރިއުޅޭ އަންހެން ކުއްޖަކު ރޭ ބުންޏެވެ.

ރެދަން ބޮޑަށް ފާހަގަވަނީ އަނދިރިވުމުންނެވެ. މި މަންޒަރު ހުޅުމާލޭގެ ފޭސް 2 ގައި ވަރަށް ރީއްޗަށް ފެނެ އެވެ. މި މަންޒަރުގެ ފޮޓޯ ފޭސްބުކާއި އިންސްޓަގްރާމްގެ ސްޓޯރީތަކުން ވަނީ ފުރާލައިފަ އެވެ.

ރެދަނަށް މަޝްހޫރު ރ. ވާދުގައި ވެސް ރެދަން ލާފައިވާއިރު މިއީ މިއަހަރުގެ ދެވަަނަ ފަހަރު ކަމަށް މައުލޫމާތު ލިބެ އެވެ. މި މަންޒަރު ބަލަން އެ ރަށުގެ ގިނަ ރައްޔިތުންނާއި ކައިރި ރަށްތަކުގެ މީހުން ވެސް އެ ރަށަށް ގޮސްފައިވެ އެވެ.

ރ. ވާދޫގައި ރެދަން ލާފައި، މިއީ މިއަހަރުގެ ދެވަނަ ފަހަރު/ ފޮޓޯ: ދެން އެމްވީ

ރެދަން ލަނީ ލޮލަށް ނުފެންނަ ވަރުގެ ކުޑަ ދިރުމެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ. އާންމުކޮށް މި ސޫފިތައް ދިއްލިފައި ހުންނަނީ ނޫ ކުލައިން ކަމަށްވިޔަސް ބައެއް ފަހަރު ފެހި، ރަތް ނުވަތަ އޮރެންޖު ކުލައިންވެސް ދިއްލިފައި ހުރެ އެވެ.

މީގެ ކުރިން އަހަރެމެންގެ ކާބަފައިންގެ ފަރާތުން އިވިފައި ހުރި ވާހަކަތަކުން ހީވެފައި އޮންނަނީ މިއީ ނާމާން ކަމެއް ކަމަށެވެ. އަދި އެއީ ވިގަނި އަރަން އުޅޭކަމުގެ އިޝާރާތެއް ކަމަށް ވެސް ބުނެ އުޅުނެވެ. އެއާއެކު ދިވެހިން ލިޔެފައި ހުންނަ ހިޔާލީ ވާހަކަތަކުގައި ރެދަން ގުޅުވާފައި ހުންނަނީ ކޮންމެ ވެސް ނާމާން ކަމަކާ އެވެ. ލަވަތައް ވެސް ހަމަ އެފަދަ އެވެ.

ލަވަކިޔުންތެރިޔާ އަންޔާގެ "ކަނޑުމަތި" ލަވައިގެ ޅެމުގައި ވެސް ވިގަނި އަރާ ވާހަކައާއި ގުޅުވައިގެން "ޖެހި ދޫނި ރާޅު ފުނުން ރެދަން ލަޔޯ" މިފަދައިން ގެނެސްފައިވެ އެވެ.

ކަން އޮތީ އެހެން ނަމަވެސް، ޒަމާން ބަދަލުވެ، ރެދަނަށް ބިރުކެނޑި ކުޑަކުދިންނާ ބޮޑެތި މީހުންނަށް މިކަން ވެފައި ވަނީ އާދަޔާހިލާފު ޝައުގުކުރުވަނިވި ކަމަކަށެވެ.