މާލޭ އާ އަތޮޅު ތެރޭގައި ދާދި ފަހުން ހިނގާފައިވާ އަލިފާނުގެ ހާދިސާތައް ތަހުގީގުކުރުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ނީލަން ފިހާރައިގައި އަލިފާން ހާދިސާއެއް ހިނގާފައިވަނިކޮށް ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދާދި ފަހުން ހިނގާފައިވާ އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރުމަށް ހާއްސަ ތަހުގީގެއް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާތައް ތަހުގީގު ކުރުމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވި އެވެ.

ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރު އެވެ.

މި ފަހުން މާލެ އާއި ބައެއް ރަށްރަށުގައި އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވެ އެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ގުޅީފަޅުގައި ތިބޭ ތަނުގައި ހިނގި އަލިފާނުގެ ހާދިސާ ފާހަގަކޮށްލެވެ އެވެ.

ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައި އިއްޔެ އަލިފާން ރޯވެފައިވާއިރު އަލިފުށީ ކުނިގޮނޑުގައި ހުރި ފައިބަރުތަކެއްގައި މިދިޔަ ހޮނިހިރު ދުވަހު އަލިފާން ރޯވި އެވެ.