ބްރެޒީލިއާ (ޖެނުއަރީ 9) - ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސަނަރޯގެ ސަޕޯޓަރުން ވަދެ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހާއި ގަނޑުވަރުގެ ބައެއް ތަންތަން ލޫޓުވާލައިފި އެވެ.
ބްރެޒިލްގެ ވެރިރަށް ބްރެޒީލިއާ އަކީ އެ ގައުމުގެ ފެޑެރަލް ޑިސްޓްރިކްޓުގެ ބައެކެވެ. އެ ގައުމުގެ ކޮންގްރެސް އާއި ސުޕްރީމް ކޯޓު އަދި ރިޔާސީ ގަނޑުވަރު ވެސް ހުންނަނީ ބްރެޒީލިއާގަ އެވެ. މި ހުރިހާ ތަނަކަށް އިދިކޮޅު ސަޕޯޓަރުން ރޭ ވަނީ ވަދެގެންފަ އެވެ. ނަމަވެސް އެ ގައުމުގެ އެންމެ މުހިންމު މި ތިން އިމާރާތް މިހާރު އިދިކޮޅު މީހުންގެ ކިބައިން ސާފުކޮށް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހަމަނުޖެހުން ހިންގި މީހުންގެ ތެރޭން 400 މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ކުރީގެ ރައީސް ބޮލްސެނަރޯ ވިދާޅުވެފައި ވަނީ ހަމަނުޖެހުންތަކުގައި އޭނާގެ ސަޕޯޓަރުން ބައިވެރިވެފައި ނުވާ ކަމަށެވެ.
ބްރެޒިލްގެ މުހިންމު އިމާރާތްތަކަށް އިދިކޮޅު މީހުން ވަދެފައި މި ވަނީ އެ ގައުމުގެ ރައީސްކަމުގެ ހުވާ ލޫލާ ޑަ ސިލްވާ ކުރެއްވިތާ ހަފުތާއެއް ފަހުންނެވެ. އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުގައި ލޫލާ ވަނީ ބޮލްސަނަރޯގެ މައްޗަށް ކާމިޔާބު ހޯއްދަވައިފަ އެވެ. މި މަހު 1 ވަނަ ދުވަހު ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިނުވުމަށް ބޮލްސަނަރޯ ވަނީ އެމެރިކާ އަށް ވަޑައިގެންފަ އެވެ.
އިންތިޚާބުން ބޮލްސަނަރޯ އަށް ނާކާމިޔާބުވުމާ އެކު އޭނާ އަށް ސަޕޯޓްކުރާ އެތައް ބަޔަކު ވަނީ މުޒާހަރާއަށް މަގުތަކަށް ނުކުމެފަ އެވެ.
މަގޭވޯޓްއިބޫއައް