އިދިކޮޅުން ކޯލިޝަނުން، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކުރިއަށް ގެންދަމުންދާ މުޒާހަރާތަކުން ހައްޔަރުކުރާ މީހުން ގޭބަންދު ކުރަން ފަށައިފި އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މިދިޔަ ހޮނިހިރު ދުވަހުވެސް އިދިކޮޅުން މުޒާހަރާކޮށްފައިވާއިރު، އެ މުޒާހަރާގެ ތެރެއިން ފުލުހުން ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި ހަ މީހަކު އެރޭ ދޫކޮށްލާފައިވާއިރު، ދެން ތިބި ތިން މީހުން ވަނޯ ކޯޓަށް ހާޒިރުކުރުމަށްފަހު ޝަރުތުތަކާއި އެކު ދޫކޮށްލާފަ އެވެ.

އެގޮތުން އެމީހުން ދޫކޮށްލާފައިވަނި އެއް މަސްދުވަހު ގޭބަންދުގައި ތިބުމަށް ޝަރުތުކޮށް، ލިޔުމެއްގައި ސޮއި ކުރުވުމަށްފަހުގައި ކަމަށް މައުލޫމާތުލިބެ އެވެ. އޭގެ އިތުރުން ފުލުހުން އަންގާ ތަހުގީގުތަކަށް ހާޒިރުވާންޖެހޭނެ ކަމަށާއި، ކޮންމެހެން ނިކުންނަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ފުލުހުންގެ ހުއްދަ ހޯދަން ޖެހޭނެކަމަށް ޝަރުތުކޮށްފައިވެ އެވެ.

ރޭ އިދިކޮޅުން ހިންގި މުޒާހަރާގައިވެސް ފުލުހުން ވަނީ އިދިކޮޅު ސަޕޯޓަރުން ހައްޔަރުކޮށްފަ އެވެ. އަދި ރޭގެ ވަގުތެއްގައި އެ އެންމެން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޔާމީން ޖަލަށްލާގައި ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އަރުވާފައި ވަނިކޮށެވެ.

ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ތަރައްގީ ކުރުމުގެ މުއާމާލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ވެސް ވަނީ ޖޫރިމަނާ ކޮށްފަ އެވެ.