މޫސުން ގޯސްވުމާއި ގުޅިގެން މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ނެރުނު ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، (މެޓް އޮފީސް) އިން ހުދު ސަމާލުގެ މުއްދަތު އިތުރުކޮށް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ.

އެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން މެޓުން ވަނީ ހުދު ސަމާލު ނެރެފަ އެވެ.

އަނެއްކާވެސް އެ ސަރަހައްދުތަކުގައި މޫސުން ރަނގަޅު ނުވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

އެގޮތުން މެޓް އޮފީހުން ބުނީ މިއަދުގެ މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓުން ބުނީ އެއަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިދުވަސްރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމާ ގުޅިގެން ކަނޑު ދަތުރުތައް ކުރާއިރު، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ކޮންމެހެން ކުރަން ޖެހިގެން ނޫނީ ދަތުރު ނުކުރުމަށް މެޓް އޮފީހުންނާއި ކޯސްޓްގާޑުން ވެސް އިލްތިމާސްކޮށްފައިވެ އެވެ.

އެގޮތުން ދަތުރަކަށް ފުރުމުގެ ކުރިން ދަތުރާ ބެހޭ މައުލޫމާތު އެންގުމާއި، އުޅަނދުގައި ލައިފްޖެކެޓާއި، އެހެނިހެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްކަމެއް ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.