ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު ބަޔަކު ޕާޓީއާ ދުރަށް ދިޔަ ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިޔަށް ދާނީ މުޅި ޕާޓީއާއެކު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހް ވާދަކުރައްވާއިރު، އެމަނިކުފާނު ދަނީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން ކެމްޕޭންގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ބ. އޭދަފުށްޓަށް ވަޑައިގެން ރައީސް ވަނީ ޕްރައިމަރީއަށްފަހު ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ރައީސްގެ އެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިއީ އެމްޑީޕީ އެތެރޭގެ އިންތިހާބެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މިކަން ނިމި ރިޔާސީ އިންތިހާބަކަށް ނިކުންނައިރު، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ހުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ، އެކަން ކާމިޔާބު ކުރުމަށް ކުރަން ހުރި މަސައްކަތް މާބޮޑު ކަމަށެވެ.

ހަމައެހެންމެ މި އިންތިހާބު ނިމުމާ އެކު ޕާޓީން ބަޔަކު ދުރަށް ޖެހިދާނެ ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނު އެފަދައިން ނުހައްދަވާނެކަމުގައ ރައީސް ވިދާޅުވި އެވެ.

"މި ނިމުމާ އެކު ބަޔަކު ދެން ތިބެދާނެ ތަންކޮޅެއް ދުރުގައި. އެހެން ނަމަވެސް އަޅުގަނޑު ކުރިއަށް ދާނީ މުޅި ޕާޓީއާ އެކު،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ޞާލިހާއި ވާދަވެރި ކެނޑިޑޭޓް ނަޝީދު ވެސް މިހާރު ވަނީ އަތޮޅުތެރެއަށް ކުރައްވާ ކެމްޕެއިން ދަތުރުތައް ކުރިއަށް ގެންދަވަމުންނެވެ.