ރައީސް ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދެއްވި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މައްޗަށް ދޮގު ހެކި ދިނުމުގެ ތުހުމަތުކޮށް، އޭނާ ފުލުހަށް ހާޒިރުކޮށްފި އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ އެ މައްސަލާގައި ނަރީޝް ދީފައިވަނީ ދޮގު ހެކިކަމަށް ބެލެވޭ ކަމަށެވެ. އަދި އެފަހުން ޕީޖީއިން ވަނީ އެކަމާއި މެދު ދިރާސާ ކުރަމުން އަންނަ ކަމަށްބުނެފައިވެ އެވެ.

ފުލުހަށް ހާޒިރު ކުރުމަށްފަހު މައުލޫމާތު ދެމުން ނަރީޝް ވިދާޅުވީ މިއީ ސަރުކާރުން އުފުލާފައިވާ ސިޔާސީ ދައުވާތަކަށް ހެކިބަސް ދޭން ދާ މީހުންނަށް ބިރުދެއްކުމަށް ކުރާކަމެއް ކަމަށެވެ. އަދި މިގޮތަށް ފުލުހަށް ހާޒިރު ކުރުމުން ދައުލަތާއި ދެކޮޅަށް ހެކިބަސް ދިނުމަކީ މިހާރު ބޮޑު ބިރަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްސަލަ އަނެއްކޮޅަށް ނިމިއްޖިއްޔާ ހެކި ބަސް ދިން މީހުންގެ ތަހުގީގު ހިންގާ އެމީހުން ގޮޅިއަށް ވާސިލުވެވޭނެ ފުރުސަތެއް މިއީ" ނަރީޝް ވިދާޅުވިއެވެ.