ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ގިނަ މަސައްކަތް ކުރަމުން އަންނަ އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ބީވީމާ" ގެ ފުރަތަމަ ދެ ޝޯގެ ޓިކެޓް ވިކި ހުސްވެއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން މަސައްކަތް ފެށި މިފިލްމަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އަޝްފާ ފިލްމީ ދާއިރާއަށް ތައާރަފުވެގެންދާ ފިލްމެވެ.

އަހްމަދު ޒަރީރު ލިޔެ ޑައިރެކްޓް ކޮށްފައިވާ ލޯބީގެ މި ފިލްމުގައި ދެ ދުވަސްވަރެއް ފެނިގެންދާނެ އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރާ މި ފިލްމުގައި އަޝްފާގެ އިތުރުން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އައިމިނަތު ރަޝްފާ (އާޝާ) އަދި އާދަމް ޒިދާން (ނާނަ) ފެނިގެންދާނެ އެވެ.

މަރާމާތަށް ފަހު އޮލިމްޕަސް ހުޅުވިގެންދާއިރު "ބީވީމާ" އަކީ އެންމެ ފުރަތަމަ އޮލިމްޕަހުގައި ރިލީޒް ކުރާ ފުރަތަމަ ފިލްމެވެ.

ޑާކްރެއިންގެ ބާނީ / ފިލްމްގެ ޕްރޮޑިއުސަރު މުހަންމަދު އަލީ (މޮގާ) ބުނީ ޕްރިމިއާ ޝޯގެ ޓިކެޓް ހުސްވެފައިވާ ކަމަށެވެ. އަދި ނުވަ ވަނަ ދުވަހުގެ ޝޯގެ ޓިކެޓް ވެސް ވަނީ މުޅިން ބުކްކޮށްފަ އެވެ. ހަތެއް / އަށެއްގެ ދެ ރޭގެ ޝޯގެ ޓިކެޓުން ވެސް ބޮޑު ބައެއް ވަނީ ބުކޮށްފަ އެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފެއްދި އެންމެ ތަފާތު އެއް ފިލްމުގެ ގޮތުގައި އެ ޕްރޮޑަކްޝަން ހައުސްއިން ބުނާއިރު، މޮގާ ބުނީ މިއީ ރާއްޖޭގައި މިހާތަނަށް އަޅުވާ އެންމެ ރީތި އެއް ފިލްމަށް ވާނެ ކަމަށެވެ.

"ބީވީމާ" ގެ މަސައްކަތް ނިމިފައި އޮންނަތާ ކިތަންމެ ދުވަހެކެވެ. ފިލްމު އާންމުންނާއި ހަމައަށް ނުގެނެވި ލަސްވީ އޮލިމްޕަސް ބަންދު ކޮށްފައިވާތީ އެވެ