ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ހޮވަން ބާއްވާ އިންތިހާބާ ދިމާކޮށް، ފުލުހުން މާލޭގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހުން މަދުކޮށްފި އެވެ.

ޕާކު ކުރާނެ ސަރަހައްދުތައް މަދު ހިސާބުތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު، އޯކިޑު މަގާއި ފަރީދީ މަގު ގުޅޭ ހިސާބުތަުގެ އިތުރުން، އަމީރު އަހުމަދު މަގާއި އެސްޓާޒް ކައިރި އަދި މަޖީދީ މަގުގެ ބައެއް ހިސާބުތަކުގައި ފުލުހުން ހަރަކާތްތެރިވެ އެވެ.

ނަމަވެސް އެ ސަރަހައްދުތަކުގައި ސައިކަލު ޒޯނުން ބޭރުގައި ވެހިކަލްތައް ބެހެއްޓި ނަމަވެސް ފުލުހުން ސްޓިކާ ނުޖަހަ އެވެ.

މީގެ ކުރިން، ޕާކު ނުކުރެވޭ ޒޯނެއްގައި ކިތަންމެ ކުޑަ ވަގުތު ކޮޅަކަށް ސައިކަލު ޕާކު ކުރިނަމަވެސް ސްޓިކާ ޖަހާއިރު، މިކަމާ ގުޅިގެން އާންމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި މީގެ ކުރިން ފުލުހުންގެ ވެހިކަލް ޕެޓްރޯލް ކުރަމުންދާ ސަރަހައްދުތަކުގައި ފުލުހުންގެ ހަރަކާތްތެރިވުން މަދުވެފައިވާކަން ފާހަގަކުރެވެ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ސަރުކާރުގެ އިންތިހާބުތަކާއި ދިމާކޮށް، އަބަދުވެސް ޓްރެފިކް ވައޮލޭޝަން ސްޓިކާ ޖެހުންފަދަ ކަންކަން މަދުކުރެ އެވެ. ހަަމައެހެންމެ ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ލިބޭ އާމްދަނީ ބޮޑުތަނުން މަތިވެފައިވާއިރު، ސްޓިކާ ޖަހައިގެން ވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރެވެ އެވެ.