މިދިޔަ އަހަރުގެ އިންޑިއާގެ ސިނަމާތަކުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް"ގެ ލަވަ "ނާތު ނާތު" އަށް ގޯލްޑެން ގްލޯބް އެވޯޑް ލިބުމުގެ އުފަލުގައި ފިލްމުގެ ޓީމަށް އާލިއާގެ ފަރާތުން ޕާޓީއެއް ބާއްވަން ނިންމައިފި އެވެ.

ފިލްމަށް މި އެވޯޑު ލިބުމާއި ގުޅިގެން އާލިއާގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިން މަރުހަބާކިޔާފައިވެ އެވެ. އެގޮތުން މި މުނާސަބާ ފާހަގަކުރުމަށްޓަކައި އާލިއާގެ ފަރާތުން ބާއްވާ ޕާޓީ ފާހަގަކޮށްލެވޭވަރުގެ ބޮޑު ޕާޓީއަކަށް ވާނެކަމަށް ނޫސްތަކުން ހަބަރުދެ އެވެ.

އާރްއާރްއާރް އަށް ގޯލްޑެން ގްލޯބްގެ އެވޯޑު ލިބިފައިވާއިރު، 50 ވަނަ ސެޓާން އެވޯޑްސްގެ އެންމެ މޮޅު ބައިނަލްއަގްވާމީ ފިލްމުގެ އެވޯޑްވެސް މި ފިލްމަށް ލިބިފައިވެ އެވެ.

"އާރްއާރްއާރް" ކާސްޓް ތެރޭގައި އާލިއާގެ އިތުރުން ސައުތު އިންޑިއަށް ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އާއި ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން ހިމެނެ އެވެ.

ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (53 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ "އާރުއާރްއާރު" އަކީ ފަސް ބަހަކުން ގެނެސްދީފަ އެވެ. އެއީ ހިންދީ، ތެލެގޫ، ތަމަޅަ، މަލަޔާޅަމް އަދި ކަންނާޑާ އެވެ.

އާރުއާރު އިން ވަނީ ބޮކްސް އޮފީހުގައި 1000 ކްރޯޑަށް ވުރެ ގިނަ ރުޕީސް ހޯދާފަ އެވެ.