ބޮލީވުޑްގެ "ޑްރާމާ ކުއީން" ގެ ގޮތުގައި މަޝްހޫރުވެފައިވާ އަދި ނެށުންތެރިޔާ ރާކީ ސާވަންތު އޭނާގެ ލޯބިވެރިޔާ އާދިލް ޚާނާއި ކައިވެނިކޮށް، އިސްލާމް ދީން ގަބޫލުކޮށްފި އެވެ.
ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ރާކީ ސާވަންތާއި އާދިލްގެ ކައިވެނިކޮށްފައިވާ ކަމަށް ސޯޝަލްމީޑިއާގައި ވަނީ ހަބަރުފެތުރިފަ އެވެ.
ނަމަވެސް މިކައިވެންޏާ ބެހޭ ގޮތުން ރާކީގެ ފިރިމީހާ އާދިލް ވަނީ އިންކާރުކޮށްފަ އެވެ. އަދި ކައިވެނި ނުކުރާ ކަމަށް ވެސް އޭނާ ބުނެފައިވާއިރު، ދާދި ފަހުން ރާކީ ވަނީ ސޯޝަލްމީޑިއާގައި އޭނާ އާއި އާދިލް ކައިވެނިކުރި މަންޒަރު ދައްކައިދޭ ވީޑިއޯއެއް އާންމުންނާ ހިއްސާކޮށްފަ އެވެ. އަދި އެނޫންވެސް ހެކިތައް އޭނާ އާންމުންނަށް ދައްކާފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ނޫސްވެރިން ރާކީ އާ ސުވާލުކުރުމުން ރާކީ ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި ގައި އޭނާ ކައިވެނިކޮށްފައިވާ ކަމަށެވެ.
ރާކީގެ ލޯޔަރު ފާލްގުނީ ބްރަންމަބަޓް ވަނީ މިކަން އާންމުންނަށް ކަށަވަރުކޮށްދީފަ އެވެ. އަދި އޭނާ އިސްލާމް ދީން ގަބޫލުކުރީ ކައިވެނިކުރުމަށްޓަކައި ކަމަށާއި، ކައިވެނީގެ ފަހުން ރާކީ އޭނާގެ ނަން، "ރާކީ ސާވަންތު ފާތިމާ" އަށް ބަދަލުކޮށްފައިވާ ކަމަށް ފާލްގުނީ ބުނެފައިވެ އެވެ.
ފާލްގުނީ އިތުރަށް ބުނިގޮތުގައި ކައިވެނިކޮށްފައިވަނީ ސިއްރުންނެވެ. އަދި ކައިވެނި ވަނީ އިންޑިއާގެ މުނިސިޕަލް ކޯޕޮރޭޝަންގައި ރަޖިސްޓްރީކޮށްފައި ކަމަށާއި، ކައިވެނި ނުކުރާ ކަމަށް އާދިލް ބުނާ ސަބަބެއް އޮޅުން ނުފިލާކަމަށް ފާލްގުނީ ބުނެފައިވެ އެވެ.
ރާކީގެ އައު ލޯބިވެރިޔާ އަކީ މައިސޫރުގެ ވިޔަފާރިވެރިއެކެވެ. އަދި އެ ދެމީހުން ދިމާވީ ރާކީގެ ރަހުމަތްތެރިން މެދުވެރިކޮށް ކަމަށް ރާކީ ބުނެފައިވެ އެވެ. އެ ދެމީހުންގެ އުމުރުގައި ތަފާތުމިން ބޮޑުވި ނަމަވެސް އެއީ ދެމީހުންގެ މެދުގައިވާ ލޯތްބަށް އެއްވެސް ގޮތަކަށް އަސަރުކުރާ ކަމެއް ނޫން ކަމަށް ރާކީ ބުނެ އެވެ.