ތަމަޅަ ފިލްމުތަކުން ބޮޑު މަޝްހޫރުކަމެއް ހޯދައިފައިވާ އެކްޓަރު އައްލޫ އަރްޖުންގެ ފިލްމު "ޕުޝްޕާ" އަކީ 2021 ވަނަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނުނު އެއް ފިލްމެވެ.

ފިލްމްގެ މަސައްކަތްތައް ފެށުނީއްސުރެ ފިލްމުގެ ކޮންމެ ހަބަރަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ރިލީޒްވުމާ އެކު ފިލްމް ވަނީ ސުޕަ ހިޓަކަށް ވެފަ އެވެ.

އެއާއެކު ފިލްމުގެ ޕްރޮޑަކްޝަނުން ވަނީ ޕުޝްޕާ ފިލްމުގެ ދެވަނަ ބައިވެސް ނެރުމަށް ނިންމާފަ އެވެ. އަދި ފިލްމުގެ ދެވަނަ ބައިގެ ޝޫޓިންގެ މަސައްކަތް ފޯރިއާ އެކު ކުރިއަށްދާ ކަމަށް އެނގިފައިވެ އެވެ.

ނަމަވެސް ފިލްމުގެ މައި ކެރެކްޓާއެއްގެ ގޮތުގައި ފެނިގެންދާނެ ބަތަލާގެ ރޯލު ކުޅޭ ތަރިއާ އުޅޭގޮތުން ސޯޝަލްމީޑިއާގައި ދަނީ ބައެއް ވާހަކަތައް ފެތުރެމުންނެވެ. އެގޮތުން ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ، ރަޝްމިކާ މަންޑައްނާގެ ބަދަލުގައި މަޝްހޫރު ތަރި ސައި ޕައްލަވީ ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.

މިވާހަކަތައް ފެތުރި، އާންމުވުމާ ގުޅިގެން ރަޝްމިކާ ވަނީ ދާދި ފަހުން މިކަން އާންމުންނަށް ސާފުކޮށްދީފަ އެވެ. އެގޮތުން ބަތަލާގެ ރޯލުން މިފަހަރު ވެސް ފެނިގެންދާނީ ރަޝްމިކާ ކަމަށް އޭނާ ބުންޏެވެ. ހަމަ އެހެންމެ އިތުރު ކެރެކްޓާއެއްގެ ރޯލަކުން ސައި ޕައްލަވީ ވެސް ފެނިގެންދާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

ޕުޝްޕާގެ ފުރަތަމަ ބައިގެ އަންހެން ލީޑްރޯލުން ރަޝްމިކާ ފެނިފައިވާއިރު، އަރުޖުން އާއި ރަޝްމިކާގެ ޖޯޑަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ.