ބޮލީވުޑްގެ "ޑްރާމާ ކުއީން" ގެ ގޮތުގައި މަޝްހޫރުވެފައިވާ އަދި ނެށުންތެރިޔާ ރާކީ ސާވަންތު، އޭނާގެ ފިރިމީހާ އާދިލް ޚާންއާ އެކީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދަތުރު ފަށަން އުޅޭ ކަމަށް ބުނެފި އެވެ.

ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ރާކީ ސާވަންތާއި ލޯބިވެރިޔާ އާދިލްގެ ކައިވެނީގެ ހަބަރުތައް މިފަހުން އިންޑިއާގެ ނޫސްތަކުގައި ވަރަށް ބޮޑަށް ދެކެވުނެވެ.

ދެމީހުންގެ ކައިވެނީގެ ވާހަކަތައް ފެތުރިފައިވާއިރު، ފިރިމީހާ އާދިލްއާ ކައިވެނި ކުރުމަށްޓަކައި ރާކީ އިސްލާމްދީން ގަބޫލުކުރުން ވެސްވީ އޭނާގެ ފޭނުން ސިއްސުވާލި ކަމަކަށެވެ. އެގޮތުން ރާކީ ވަނީ އޭނާގެ ނަން "ރާކީ ސާވަންތް ފާތިމާ" އަށް ބަދަލުކޮށްފައި ކަމަށް އޭނާ ބުނެފައިވެ އެވެ.

ރާކީ ބުނިގޮތުގައި އިސްލާމް ދީނަކީ އޭނާ ވަރަށް ގަދަރު ކުރާ ދީނެކެވެ. އަދި ފިރިމީހާއާ އެކީގައި އުމްރާގެ މަތިވެރި އަޅުކަމަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ރާކީގެ އައު ލޯބިވެރިޔާ އަކީ މައިސޫރުގެ ވިޔަފާރިވެރިއެކެވެ. އަދި އެ ދެމީހުން ދިމާވީ ރާކީގެ ރަހުމަތްތެރިން މެދުވެރިކޮށް ކަމަށް ރާކީ ބުނެފައިވެ އެވެ. އެ ދެ މީހުންގެ އުމުރުގައި ތަފާތުމިން ބޮޑުވި ނަމަވެސް އެއީ ދެމީހުންގެ މެދުގައިވާ ލޯތްބަށް އެއްވެސް ގޮތަކަށް އަސަރުކުރާ ކަމެއް ނޫން ކަމަށް ރާކީ ބުނެ އެވެ.