ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ މުޅި ބޮޑުތިލަދުން މައްޗަށް ތާރީޚުގައިވެސް އަންނަ، އެންމެ ބޮޑު ބަދަލުކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރާ ވަކި އުސޫލުތަކަކާއި، ވައްޓަފާޅިއެއް އޮންނަކަމަށާއި ސަރުކާރުން ކުރާ ކޮންމެ މަސައްކަތަކާއި، ހިންގާ ކޮންމެ މަޝްރޫއެއް ހިންގަވަނީ އެ އުސޫލުގެ ދަށުން ކަމަށެވެ.

ރައީސް ވިދާޅުވީ މުޅިރާއްޖެއަށް ގެންނަ ތަރައްގީގެ ބަދަލު މިސަރުކާރުން އެންމެ ފުރަތަމަ ފަށަނީ ގަލަމު ތުނޑުން ރަނގަޅަށް ދިރާސާ ކުރައްވައި، ހިސާބު ކިތާބުން ނަތީޖާ ހޯދުމަށް ކަމަށެވެ.

"އެގޮތަށް އެކަން ނުކުރެވިއްޖެނަމަ، މިޒަމާނުގާ އެއީ، ނުވާކަމެއް ފަދަ ކަމެއް. އެގޮތަށް އެކަން ނުކޮށްފިނަމަ، އެއީ ހަމަ ކަނޑުގައި އެޅި ރޮނގެއް. އެއާ އިދިކޮޅަށް ކަންކުރީމާ ދެންވަނީ މާދެރަގޮތެއް. ވިސްނުމާ ފިކުރާ ޙިކުމަތާ ކެތްތެރިކަމާ ނުލާ، ދެމެހެއްޓެނިވި ތަރައްގީއެއް ނުލިބޭނެ. ހަނިމާދޫ ބައިނަލް އަގްވާމީ އެއާޕޯޓު ގެ މަސައްކަތް މިއަދު މިފެށީ އަޅުގަނޑުމެންގެ ގޮތަށް. ހުއްޓިއޮވެ، ފަހަތަށް ގޮސް، ގެއްލި ހުސްނުވާ ގޮތަށް. މިފެށިގޮތަށް ފެށީމާ މާތްﷲ ގެ އިރާދަޔާއިއެކު ދެން މިކަމެއް ނުހުއްޓޭނެ. ފަހަތަކަށްވެސް ނުދާނެ،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންނާއި ގައުމެއްގެ ކަންކަން ހަމަމަގުން ހިންގޭނީ، ވަކި ހަމަތަކަކުންކަން ވަރަށްގިނަ އަމިއްލަ އިހްސާސާ، ދޭދޭ ޖަޒްބާތު އެއްފަރާތް ކޮށްގެންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މުޅި ރާއްޖޭގައި ސަރުކާރުން ހިންގާ އެތަކެއް ތަރައްގީގެ މަޝްރޫއުތައް އެދަނީ ނިމެމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.