ބޮލީވުޑް ފިލްމު އިންޑަސްޓްރީ އަކީ އެކި ދީނަށް ނިސްބަތްވާ ތަރިންގެ ހުނަރު އެމީހުން މަސައްކަތް ކުރާ ފިލްމުތަކުން ފެނިގެންދާ އިންޑަސްޓްރީއެކެވެ.

ހަމައެހެންމެ ބޮލިވުޑް ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ މުސްލިމް ތަރިންގެ އަދަދުވެސް މަދެއް ނޫނެވެ. އޭގެ ތެރޭގައި ހިމެނެނީ ޒަރީން ޚާން އެވެ.

ޒަރީން ވަނީ ގިނަ އަދަދެއްގެ ފިލްމުތަކުގައި އޭނާގެ އެކްޓުކުުރުމުގެ ހުނަރު ދައްކައިފަ އެވެ. ނަމަވެސް މުސްލިމަކަށްވީތީ، އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފުވެ، ފިލްމީ ދާއިރާގައި މަސައްކަތް ކުރުމާއި ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ކުރިމަތިލާންޖެހިފައިވެ އެވެ.

އެގޮތުން ގިނަ ބަޔަކު ވަނީ، ޒަރީން، ނިވައިކަން ކުޑަ ހެދުންތައް ލުމާއި، ގައިގޯޅިވާ މަންޒަރުތައް ދައްކައިދޭ ރޯލުތަކުން ފެނިގެން ދިއުމުގެ އިތުރުން އެހެނިހެން ދީންތަކަށް އަޅުކަން ކުރާ މަންޒަރު ދައްކައިދޭ ފިލްމުތަކުން ފެނުމުން އެކަމަށް ފާޑުކިޔާފަ އެވެ. މިކަމާއި ގުޅިގެން ޒަރީން ރައްދުދީފައިވާއިރު، ޒަރީން ބުނީ އޭނާއަށް އިސްލާމް ދީނެއް ނުއޮޅޭ ކަމަށެވެ.

ޒަރީން ބުނިގޮތުގައި އޭނާއަށް މީހަކު ދީނުގެ ގަވާއިދުތައް ކިޔައިދޭކަށެއް ނުޖެހޭނެ އެވެ. އަދި އޭނާއަށް ދީނުގެ ނަމުގައި ނަފްރަތު ކުރާ މީހުން ވާކަން އެނގޭކަމަށާއި، އެކަމުގެ ސަބަބުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާނަކަމަށް ޒަރީން ބުނެފައިވެ އެވެ.

ޒަރީން އިތުރަށް ވަނީ އިސްލާމް ދީނުގައި އެކަކު އަނެކަކަށް އިނގިލި ދިއްކޮށް، ފާޑުކިޔައި، މަލާމާތް ކުރުމުގެ ހައްގު އެކަަކަށްވެސް ލިބިގެން ނުވާކަމަށެވެ.