އިދިކޮޅު ޕީޕީއެމްގެ ލީޑަރު، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ލިސްޓުގައި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ނަންފުޅު ހިމެނިގެން ނުވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެެ އެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ، ރޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާގައި ރައީސް ޔާމީން "އޯކޭ" އެއް ނޫންކަމަށާއި، އެމަނުކުފާނު ކުރައްވާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވުމުން އެކަމަށް ރައްދުދެއްވަމުންނެވެ.

"އެއީ ޑިމޮކްރަސީއަށްޓަކައި ރާއްޖޭގެ ނިޒާމު ހަމަ މަގުން ހިންގުމަށްޓަކައި ހުދު އަޅުގަނޑުމެންނަށްޓަކައި ވެސް އެކަން އޮތް ގޮތް. ވޭތުވެދިޔަ ތަނުގައި ތިޔަބޭފުޅުންނަށް ކުރި އަނިޔާތަކާއި ދެއްކި ބިރާއި އޭގެ ފަހަތުގައި ތިބި މީހުންނަށް އަޅުގަނޑު އޯކޭއެއް ނޫން. އެމީހުންނާ އެކީގައި އަޅުގަނޑު ކުރާނެ ސިޔާސީ މަސައްކަތެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޞާލިހްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޝުޖާއު ވަނީ ރައީސް ޔާމީން ޣައްދާރުންނާއި ވާހަކަފުޅު ނުދައްކަވާނެކަން ފާހަގަކުރައްވައި އެކަމަށް އެމަނިކުފާނު އެއްވެސް ޝައުގުވެރިކަމެއް ނުގެންގުޅުއްވާކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީނާއި ވާހަކަ ދެއްކެވުމަށް ޝައުގުވެރިކަން ގެންގުޅުއްވި ނަމަވެސް، އެމަނުކުފާނުގެ ލިސްޓުގައި ރައީސް ޞާލިހް ނުހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް އެމްޑީޕީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ޖަލްސާތައް ފޯރިއާ އެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި އިންތިހާބުގައި ނަތީޖާ އަންނަ ގޮތަކުން އިދިކޮޅަށް ވެރިކަން ލިބުން އެކަށީގެންވާކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން އެފަދައިން ވެނުދިއުމަށް ރައީސް ޞާލިހަށް އިތުރު ދައުރެއް ދެއްވުމަށް ރައީސް ޞާލިހް ވަނީ އެދިފަ އެވެ.