ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ކިހާ ގެއްލުންހުރި ކަމެއްކަން އެއްވެސް މީހަކަަށް އޮޅިފައެއް ނޯންނާނެ އެވެ. މި ގެއްލުން ދެނިވި އާދައިން ދުރުވާން މަސައްކަތްކުރާ މީހުން ވެސް އަހަރުމެންގެ ތެރޭގައި އުޅޭކަން ފާހަގަ ކޮށްލަމެވެ. މި ލިޔުމުގައި މި ބަލާލަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ތިބާގެ ހަށިގަނޑަށް އަންނަ ބަދަލު ތަކަށެވެ.

ސިނގިރޭޓު ނުބޯތާ 24 ގަޑިއިރު ތެރޭގައި ހާޓް އެޓޭކްއެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ކުޑަވެ އެވެ. އަދި ސިނގިރޭޓުގެ ދުމުން ފުއްޕާމެއަށް ލިބިފައި ހުރި ގެއްލުން ވެސް މަޑުމަޑުން ފޫބެއްދެން ފަށަ އެވެ.

48 ގަޑިއިރު ތެރޭގައި ސިނގިރޭޓުގެ ސަބަބުން ގެއްލުން ލިބިފައިހުރި ނާރުތައް ވެސް މަސައްކަތްކުރަން ފަށަ އެވެ. ކާއެއްޗެހީގެ ރަހަ އަށާއި އެއްޗެހިން ދުވާ ވަހަށް ވެސް ބަދަލުތަކެއް އަންނަން ފަށަ އެވެ. އެއްޗެހީގެ ވަސް ރަނގަޅަށް ދެނެގަނެވި ކާހިތް ޖެހޭނެ އެވެ.

ސިނގިރޭޓު ބުއިން ހުއްޓާލާތާ ތިން ދުވަސް ތެރޭ ފުއްޕާމެއަށް ލުއިތަކެއް ލިބޭކަން ފާހަގަ ކުރެވޭނެ އެވެ. ނޭވާލާން ފަސޭހަވެ ކުޑަ ތަންކޮޅަކަށް ދުވެލުމުން ކުރިން ނޭވާ ހާސްވާހެން މިހާރަކު ނޭވާ ހާހެއް ވެސް ނުވާނެ އެވެ.

ދެ ހަފްތާއާ ތިން މަހުގެ ތެރޭ ހަށިގަނޑުގައި ލޭ ދައުރުވުން ކުރިއަށް ވުރެ ރަނގަޅުވެއެވެ. ހިނގަން ފަސޭހަވެ ތިރީސް ޕަސެންޓަށް ފުއްޕާމޭ މަސައްކަތްކުރަން ފަށަ އެވެ.

ސިނގިރޭޓު ބުއިން ހުއްޓާލާތާ ފަސް އަހަރާ ގާތް ވުމުން ފުއްޕާމޭގެ ކެންސަރު ޖެހުމަށް އޮތް ބިރު ދެބައިކުޅަ އެއްބަޔަށް ކުޑަވެ އެވެ. ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުތަން ކުޑަވެ އެވެ.

އޭގެ އިތުރުން ސިނގިރޭޓު ބޯމީހަކާ އަޅާކިޔާއިރު ސިނގިރޭޓު ހުއްޓާލިތާ ފަސް އަހަރުވާ މީހަކަށް އަނގައިގެ ކެންސަރާއި ކަރުގެ ކެންސަރު ޖެހުމުގެ ފުރުސަތުވެސް ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދެ އެވެ.

ސިނގިރޭޓު ބުއިން ހުއްޓާލާތާ ދިހަ އަހަރުވުމާ ގާތްވުމުން، ލަންގް ކެންސަރު ޖެހުމުގެ ފުރުސަތި އޮތީ ދުވަހުކުވެސް ސިނގިރޭޓް ނުބޯ މީހަކާ އެއް ހަމައެއްގަ އެވެ. ސިނގިރޭޓު ދުމުގެ ސަބަބުން ފުއްޕާމޭގައި ހަލާކުވެފައި ހުރި "ޕްރީކެންސަރަސް" ސެލްތައް އާވެ އެވެ.

ފަނަރަ އަހަރު ސިނގިރޭޓާ ދުރުގައި ހޭދަކުރުމުން ކޮރޮނަރީ ހާޓް ޑިސީސް ނުވަތަ ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އޮންނާނީ ދުވަހަކުވެސް ސިނގިރޭޓެއް ނުބޯ މީހެއްގެ ވެސް އޮންނަ ވަރަށެވެ.

އެހެން ކަމުން މުސްތަގްބަލުގެ ދުޅަހެޔޮ ކަމަށް ވިސްނައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން މިއަދު އަޒުމު ކަނޑައަޅަމާ ހިނގާށެވެ.