އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ރައީސް ނަޝީދުގެ ފަޅިއަށް އަރާ ވަޑަައިގެންނެވިޔަސް ރައްޔިތުންނަށް ކުންފުނިން ދޭންޖެހޭ އެއްވެސް ހިދުމަތަކަށް ބުރުލެއް ނާރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ގދ. ތިނަދޫގައި އެމަނިކުފާނުގެ ކެޕްމެއިންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތިނަދޫގެ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައި ވަނީ އެސްޓީއޯ އާއި މިފްކޯއާ ކަމަށެވެ.
މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.
އަމްރު ނަޝީދުގެ ފަޅިއަށް ދިއުމުން، އަމްރުގެ ނަން ސީދާ ވިދާޅުނުވެ ރައީސް ސޯލިހު ވިދާޅުވީ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަފާނެ ކަމަށެވެ.
އެހެން ނަމަވެސް މިއިން އެއްވެސް ކަމެއް ހުއްޓުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ބަރާބަރަށް އެ ކުންފުނިތަކުގައި ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ ދެއްވާފަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެއްވެސް ކުންފުންޏެއްގެ އެއްވެސް މުވައްޒަފަކު ބިރުގަންނަން ނުޖެހޭ ކަމަށާއި މުވައްޒަފުން އެ ކުރަނީ ސަރުކާރުގެ މަސައްކަތްތައް ކަމަށެވެ.
"ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ފަހަތަށް ޖެހިވަޑައިގަންނަވާކަށް ނުޖެހޭނެ. އަޅުގަނޑުމެން މި ތިބީ ތިޔަބޭފުޅުންގެ ހިމާޔަތުގައި. އެ މުވައްޒަފުންގެ ހިމާޔަތުގައި. އެއްވެސް ބޭފުޅަކު، އެ ބޭފުޅެއްގެ ސިޔާސީ ވިސްނުން، ސަރުކާރާ އެކުގައި ހުރި ބޭފުޅަކު އެހެން ގޮތަކަށް ބަދަލު ކުރައްވާނެ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.
ތިނަދުއަށް ރައީސް ވަޑައިގެންނެވުމުން އިދިކޮޅުންވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މުޒާހަރާ ކޮށްފަ އެވެ. މުޒާހަރާގެ ތެރެއިން އެކަކުވަނީ ހައްޔަރުކޮށްފަ އެވެ.
އެކަމާ ބެހޭ ގޮތުން އަމްރު ވެސް ވިދާޅުވީ އޭނާ ރައީސް ނަޝީދާއެކު ކެމްޕޭނަށް ދިޔުމުގެ ކުރިން ރައީސުލް ޖުމްހޫރިއްޔާ އަށް އަޅުގަނޑު ދާ ވާހަކައާ، ދާ ސަބަބާ އަދި ޕާޓީ އެތެރޭގެ އިންތިޚާބުގަ ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ދެންނެވިން ކަމަށެވެ.
"އެސްޓީއޯ އިން ކުރަމުން ގެންދަނީ ގައުމީ މަސައްކަތެއް، އެއީ ދިވެހި ރައްޔިތުންނަށް ދޭ ޚިދުމަތެއް. އެސްޓީއޯ އިން ކުރަމުން ގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ބާރަށް ކުރިޔަށް ދާނެ،" އަމްރު ވިދާޅުވި އެވެ.