ރޫހާނީ ކަންކަމާ ކުރިމަތިލާން ޖެހުނުކަމުގެ ވާހަކަތަކަކީ މަދުން ނަމަވެސް އިވޭ ވާހަކަތަކެކެވެ. މީގެ ތެރޭގައި އެތައް ބަޔަކު ހިމެނޭއިރު، ބޮލީވުޑްގެ މަޝްހޫރު ތަރިންނަށް ވެސް މިފަދަ ތަޖުރިބާތަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަކުރެވެ އެވެ.
އެގޮތުން ނުވަދިހައިގެ އަހަރުތަކުގައި ފިރިހެން ބަތަލުންގެ ރޯލުތަކުން އެންމެ ވިދާލި ފަންނާނުންގެ ތެރޭގައި ހިމެނޭ އެކަކީ ގޯވިންދު އަރުން އަހޫޖާ އެވެ. އޭނާ އާންމުންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ ގޯވިންދާގެ ނަމުންނެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް އާންމުންނާއި ހަމައަށް ގެނެސްދިން ގޯވިންދާ ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި ދިމާވި ބިރުވެރި ކަމެއްގެ ވާހަކަ އާންމުންނާ ހިއްސާކޮށްފަ އެވެ.
ގޯވިންދާ ކިޔައިދިން ގޮތުގައި މިކަމެއް ހިނގާފައިވަނީ އޭނާ ކުޅޭ ފިލްމެއްގެ ޝޫޓިންއަށް ފަރުބަދަތަކާ ކައިރި ހިސާބެއްގައި އުޅެނިކޮށެވެ. އެގޮތުން އެރޭ ޝޫޓިން ނިންމުމަށްފަހު ދަންވަރު އޭނާއަށް ހޭލެވުނީ އަންހެނަކު އޭނާގެ މޭމަތީގައި އިށީނދެގެން އިންފަދަ އިހުސާސް ކުރެވުމުން ކަމަށް ގޯވިންދާ ބުނެފައިވެ އެވެ.
އެކަމުގެ އިތުރުން، ގޯވިންދާ ނިދި އިރު އޭނާ ނިދި ކޮޓަރި އޮތީ ވަރަށް ރީތިކޮށް ކަމަށާއި، ނަމަވެސް ނިދިން ހޭލެވުނު އިރު، މުޅި ކޮޓަރި އޮތީ ވަރަށް ބޮޑަށް ހަޑިކޮށްފައި ކަމަށް އޭނާ ބުންޏެވެ.
އެރެއަށް ފަހު އެފަދަ އެއްވެސް ކަމެއް ހިނގިކަމަކަށް ގޯވިންދާ ބުނެފައެއް ނުވެ އެވެ. އެހެންނަމަވެސް އެރޭ އޭނާއަށް ކުރިމަތިވި ރޫހާނީ ދިރުމެއްވާ ކަމުގެ އިހުސާސެއްކަމަށް ގަބޫލުކުރާ ކަމަށް ގޯވިންދާ ބުނެފައިވެ އެވެ.