އަނުޕާމް ޚޭރް މުހިއްމު ރޯލަކުން ފެނިގެންވާ ވިވެކް އަގްނިހޮތްރީގެ ފިލްމު " ދަ ކަޝްމީރު ފްލައިސް"ގެ ޝޫޓިން ފަށާފައިވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މިތުން ޗަކްރަބޯޓީ ވެސް ފެނިގެންދާ މި ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ މިސޫރީގަ އެވެ.

ދާދި ފަހުން ކާނަ ވިހަވެގެން މިތުން ވަނީ ސެޓް ތެރެއަށް ވެއްޓިފަ އެވެ. އެއާއެކު ފިލްމުގެ ޝޫޓިން ވަނީ މެދުކަނޑާލާފަ އެވެ.

ފިލްމުގެ ޑައިރެކްޓަރު ވިވެކް އަގްނިހޮތްރީ ބުނިގޮތުގައި އޭރު ކުރިއަށް ދިޔައީ އެކްޝަން މަންޒަރުތަކެއް ކަމަށާއި މުޅި ސީން ވެސް ލީޑު ކުރަމުން ގެންދިޔައީ މިތުން ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ދިމާވި އިންފެކްޝަންއެއްގެ ސަބަބުން މިތުންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި ކަމަށެވެ.

"އާންމު މީހަކަށް އެފަދަ ހާލަތެއްގައި ކޮޅަށްވެސް ނުހުރެވޭނެ. އެހެން ނަމަވެސް މިތުން ވަނީ ކުޑައިރުކޮޅަކަށް ބޭރަށް ގޮސްލާފައި އައިސް ޝޫޓިން އެއްކޮށް ނިންމާފައި، އަހަންނަށް ހިޔާލަށްވެސް ނުގެނެވޭ އެހާލަތުގައި މީހަކު ޝޫޓު ކޮށްފާނެ ކަމަކަށް،" ވިވެކް ބުންޏެވެ.

މީގެ އިތުރުން ވިވެކް ބުނި ގޮތުގައި މިތުން އަކީ ދާއިރާގައި ވެސް ހުރި އެންމެ ބުރަ މަސައްކަތް ކުރާ އެކަކެވެ.