މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދުގެ ހެނދުނު 6:20 ގަ އެވެ. އަދި މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:00 ޖެހުމާ ހަމައަށް މެޓް އިން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފަ އެވެ.

މި ވަގުތުތަކުގައި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރާކަމަށް މެޓް އިން ވަނީ ބުނެފަ އެވެ. އަދި ބޯކޮސް ވާރޭވެހި ގުރުގާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

މިދުވަސްރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާއިރު، ވިއްސާރަ އަލިވެ މޫސުން ރީތިވާން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް މެޓުން ބުނެފައިވެ އެވެ.

މެޓްގެ މީޑިއާ އޮފިޝަލަކު ވަނީ މިއަދާއި މާދަމާ ވިއްސާރަ ވާނެ ކަމަށް ބުނެފަ އެވެ. އަދި މިއަދު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށާއި މާދަމާ ވިއްސާރަ ވާނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށް ވެސް އޮފިޝަލު ބުންޏެވެ.

އޭގެ އިތުރުން މިހާރު ކުރަމުންދާ ވިއްސާރަ އަލިވެ މޫސުން ރީތި ވާނީ އަންނަ ބުރާސްފަތީގައި ކަމަށް އޮފިޝަލު ބުނެފައިވެ އެވެ.